މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފު) އިން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެއް ތައާރަފް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މެރިންކޯގައި މިއަދު އަލަށް ތައާރަފު ކުރި އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. އަދި އެ ފޯސްއަކީ އެމްއެންޑީއެފްގެ އާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ހާއްސަ ބާރެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ އިލްމާއި ހުނަރު އުނގަންނައި ދެވި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަތިވެރި އަސްކަރީ އަހްލާގުގެ މަތީގައި ސާބިތުވެ ތިބޭ މި ހާއްސަ ފޯސްގެ ސަބަބުން މެރިންކޯގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެގެން ދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެލީޓް ފޯސް އިފްތިތާހު ކުރަން މިއަދު ވަނީ ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަގާމުތަކަށް އައްޔަން ކުރި ފަރާތްތަކުގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދުއެވެ.
މެރިންކޯގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ އިތުރުން މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި އެމްއެންޑީއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޛިވެހި ބިން ހިމާޔަތް ކުރާނި ދަރިން ދިވެހިންގެ ބަޑުން އުފަން ވެފަ ތިއްބާ އެހެން ގައުމަކުން ބަޔަކު ބޭނުމެއް ނުވާނެ ތިފެށި މަސައްކަތުގަ ﷲ ބަރަކާތް ނިތުރު ކުރައްވާށި އާމީން