މިދިޔަ މަހުގެ 26ގެ ފަހުން ކުޑަހުވަދޫއަށް ގޮސްފައި ވާނަމަ 14 ދުވަހު ކަރަންޓީން ވާން އެދިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޑަހުވަދޫ އިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާތީ، މިދިޔަ މަހުގެ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި މިތާރީހުގެ ފަހުން ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަދި 26 ފެބްރުއަރީ ގެ ފަހުން ދ. ކުޑަހުވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކުޑަހުވަދޫ މިއަދު މޮނިޓަރިންއަށް ލާފައި ވަނީ އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ 6 މީހަކު ބަލީގެ އަލާމާތް ހުރެގެން ހެދި ޓެސްޓުން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.