2016 ވަނަ އަހަރު ދައުލަތަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުންވާ ގޮތަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެޓެކޯ ބޭސް އެތެރެކޮށްފައި ވާ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ، އެސްޓީއޯ އިން މޭ 27، 2016 ގައި އިމްޕޯޓްކުރި އެޓޮކޯ ބޭހުގެ ބެޗް ނަންބަރު C602700 ގެ، ބޮޑު ބައެއް މާޗް، 2018 ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗެއް ޑިސެންބަރު 2018 ގައި އޯޑަރު ކޮށްފައިވާ ކަމަށް ބުނާ މައްސަލަ، ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުލަތަށް 2 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަން ތަހުގީގުން ފާހަގަ ކުރެވުނު ކަމަށް އޭސީސީން ބުނެއެވެ.
އެގޮތުން، މި މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ، އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމުގައި ހުރި ހުސައިން ސަބާހް (ގުލްޒާރުގެ / ސ.ހިތަދޫ) އާއި އެ ޑިޕާޓްމަންޓްގެ ޕްލޭނިން މެނޭޖަރު، ހަމްދޫން ފާއިޒް (ޖިއްދާ / ޏ.ފުވައްމުލައް) ގެ މައްޗަށް ކަމަށް އޭސީސީން ބުނެއެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގައި އޭސީސީން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެސްޓީއޯއިން އެޓޮވަސްޓެޓިން (Atorvastatin) ގެ ބްރޭންޑެއް ކަމަށްވާ އެޓޮކޯ (Atocor) ގެ 40 މިލިގްރާމް އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައި ވެއެވެ. އެ ބޭހުގެ 40 މިލިގްރާމަކީ އޭގެ ކުރިން ގެނެސްފައި ނުވާ އެ ބޭހުގެ އާ ޑޯސޭޖެއް ކަމަށާއި ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައި ވާކަން ލިޔުމުން އެނގެން ނެތް ކަމަށް އޭސީސީން ބުނެއެވެ.
ހަމައެއާއެކު، އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހޭ ބަލި މީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ބޭހެއް ކަމަށާއި އާންމުކޮށް ބަލި މީހުންނަށް ލިޔެދެނީ 10 އަދި 20 މިލިގްރާމް ކަމަށް ވާތީ 40 މިލިގްރާމް ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެ ކަމަށް ތަހުގީގަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި 40 މިލިގްރާމަކީ އާންމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލި މީހުން ބޭނުން ކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯސޭޖެއް ނޫންކަން ތަހުގީގުން އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސްޓީއޯއިން އެޓޮކޯގެ 40 މިލިގްރާމަށް ފޯކާސްޓް ކޮށްފައިވާ އަދަދަށް ވުރެ އިތުރަށް އޯޑަރުކޮށް ގެނެސްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، އެސް.ޓީ.އޯއިން 2016 ގައި 560,000 ގުޅަ އޯޑަރު ކޮށްފައި ވާއިރު ލިބުނު ބޭހުގެ އަގަށް 2,928,487.45 ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެގްރީމަންޓްގައި ފޯކާސްޓް ކޮށްފައިވާ އަދަދާއި މެޑިކަލް ސާވިސް ޑިޕާޓްމަންޓުން ފޯކާސްޓް ކޮށްފައިވާ އަދަދަށް ވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައި ވާކަން އެނގެން އޮތް ކަމަށް އޭސީސީން ބުނެއެވެ.
2016 ގައި އެޓޮކޯގެ 20 އަދި 10 މިލިގްރާމް ވެސް އޯޑަރު ކޮށްފައިވާ އިރު، 20 މިލިގްރާމް އަށްވުރެ ގިނައިން 40 މިލިގްރާމް ގެނެސްފައި ވާ ކަމަށް އޭސީސީން ބުނެއެވެ. އަދި 40 މިލިގްރާމްގެ ބެޗުން ވިކުނީ ގެނައި އަދަދުގެ 5 ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ކަމަށާއި މާޗް، 2018 އަށް އެ ބެޗްގެ މުއްދަތު ވަނީ ހަމަވެފައި ކަމަށް އޭސީސީން ބުނެއެވެ. އަދި މާކެޓިންގެ ބޭނުމަށް ކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40 މިލިގްރާމްގެ ގިނަ އަދަދެއްގެ ބޭސް ރިޒާވް ކޮށްފައި ވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސް.ޓީ.އޯއަށް 2,787,457.13 ރުފިޔާގެ ގެއްލުން ވެފައި ވާކަމަށް އޭސީސީން ބުނެއެވެ.
2016 ގައި ގެނައި އެޓޮކޯގެ 40 މިލިގްރާމްގެ ބެޗްގެ މުއްދަތު 2018 ގައި ހަމަވި ފަހުން އޮކްޓޫބަރު 2018 އިން ފެބުރުވަރީ 2020 ގެ ނިޔަލަށް އެ ބެޗް ގެނައުމަށް ޖުމުލަ 266,842.48 ރުފިޔާ ހަރަދުކޮށްފައި ވާ ކަމަށާއި، 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭ ކަމަށް އޭސީސީން ބުނެއެވެ. އަދި 2016 ގެ ބެޗުން ވިކުނު އަދަދުތަކަށާއި 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ އަދަދުތަކަށް ބެލުމުން، 2018 އިން ފެށިގެން އެސްޓީއޯއިން ގެނެސްފައިވާ އެ ބޭހުގެ އަދަދުތަކަކީ ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ޑިމާންޑް އޮތްވަރުކަން އެނގެން އޮތް ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން 2016 ގައި އެސްޓީއޯއިން އެޓޮކޯގެ 40 މިލިގްރާމް އޯޑަރުކޮށް ގެނެސްފައި ވަނީ ރާއްޖޭގައި އެ ބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރަށްކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.