ކޮވިޑް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ދ. ކުޑަހުވަދޫ މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރާ 6 މީހެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެމީހުންގެ ސާމްޕަލް ނަގާފައި ވަނީ ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އެ ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށާއި ކޭސް އިންވެސްޓިގޭޓް ކުރަން، އެ ރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކުޑަހުވަދޫން ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު، ކޮވިޑް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އިއްޔެ ވަނީ އއ. ތޮއްޑޫވެސް މޮނިޓަރިންއަށް ލާފައެވެ.

މިހާތަނަސް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 21،819 އަށް އަރާފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 19،342 އަރާފައެވެ. ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 2406 މީހުން ތިބި އިރު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

ކޮވިޑް ބަލީގައި މިހާތަނަށް 64 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ދެ މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.