އިންޑިއާގެ ކޮވިޑް-19 ވެކްސިން، ކޮވިޝިލްޑް ވެކްސިން ލިބުނު އަދަދަށް ވުރެ އިތުރަށް ޖަހާފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖެއަށް މިހާތަނަށް ލިބި، ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި 2 ލައްކަ ޑޮޒްގެ ކޮވިޝިލްޑް ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި 12000 ޑޮޒްގެ ކޮވިޝިލްޑް ވެކްސިނެވެ. ނަމަވެސް ވެކްސިން ޖެހި އަދަދު 212،000 އަށް ވުރެ 2،000 އިތުރު ވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިކަމާ ގުޅިގެން އެޗްއީއޯސީއާ ސުވާލު ކުރުމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، 212،000 ޑޯޒްގެ ވެކްސިނަކީ 21،200 ވައިލް ކަމަށެވެ. އަދި ކޮންމެ ވައިލް އަކުން 10 ޑޯޒް ނެގޭއިރު، ބައެއް ވައިލް އިން 11 ޑޯޒް ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާ މީހުންގެ އަދަދު ދެ ލައްކައަށް ވުރެ އިތުރުވެފައި ވާއިރު، މާލޭ ސަރަހައްދުގައި އާންމުކޮށް ވެކްސިން ޖަހާ ދިނުން މި ވަގުތަށް ވަނީ މެދުކަނޑާލާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މެދު ކަނޑާލީ މިދިޔަ ހޯމަ ދުވަހެވެ. އަދި ކަނޑައަޅާފައި ވާ ހާއްސަ 5 ކެޓަގަރީއަށް ވެކްސިން ޖަހައިދޭން ފަށަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ހަމައެއާއެކު އަންނަ މަސް ފެށޭއިރު، ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފަށާނެއެވެ. އެހާއިރަށް އިތުރަށް ވެކްސިން ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. މިހާރު ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒާ އަދި ސައިނޯފާމް ވެކްސިނަށެވެ. ފައިޒާ އަދި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ.