ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ރިޕޯޓް އާންމު ކުރުން ފަސްކޮށްފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެއިއާ ވިދާޅުވީ، އަދި ރިޕޯޓް ތައްޔާރު ނުވަނީ ކަމަށެވެ. ފަންނީ ތަޖުރިބާކާރުންނާއި ޗައިނާގައި ތަހުގީގު ހިންގި މިޝަންގެ މެންބަރުންގެ ފަރާތުން ލިބެމުންދާ މައުލޫމާތަށް ބަލާއިރު، ރިޕޯޓް އާންމު ކުރެވޭ ވަރު ވާނީ އަންނަ ހަފުތާ ތެރޭގައި ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
މުޅި ދުނިޔެ އެ ރިޕޯޓަކަށް އިންތިޒާރު ކުރަމުން އަންނަ ތަހުގީގީ ރިޕޯޓަކީ، ކޮވިޑް-19 ޖައްސާ ވައިރަސް، ޖަނަވާރުންގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ވާރުތަވާ ގޮތާ ގުޅޭ ނަޒަރިއްޔާތަކެއް މުރާޖައާ ކުރާ ރިޕޯޓެއް ކަމަށް ބެލެވެއެވެ.
ޑަބްލިއުއެޗްއޯގެ މިނިވަން، ތަހުގީގު ޓީމަކުން ވަނީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާންގައި 4 ހަފްތާގެ ތަހުގީގު މިޝަންއެއް ކުރިއަށް ގެންގޮސްފައެވެ.
މުޅި ދުނިޔެ އިނދަޖައްސާލި ވައިރަހުގެ އަސްލާ ގުޅޭ ވަގުތީ ރިޕޯޓެއް ފެބުރުއަރީ މަހު އާންމު ކުރާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ. ނަމަވެސް އެ ވާހަކަ އޮއްބާލިއެވެ. އަދި މާޗް މަހުގެ ކުރީކޮޅު ރިޕޯޓެއް އާންމު ކުރެވޭނެ ކަމަށް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރިޕޯޓްގައިވާ ބައެއް މައުލުމާތު، ދުރާލާ، މެންބަރު ގައުމުތަކާ ހިއްސާކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ވައުދުވެފައެވެ.