މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބަށް، ރަޝިއާގެ ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް އެމެރިކާގެ ޖާސޫސީ ކޮމިއުނިޓީއިން ބުނެފިއެވެ.

ޖާސޫސީ ކޮމިއުނިޓީއިން އަންގާރަ ދުވަހު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި ރަޝިއާއިން ވަނީ ޖޯ ބައިޑަންގެ ކެމްޕޭނަށް ހުރަސް އަޅާ، ޑޮނާލްޑް ޓްރަމްޕްގެ ޝަހްސު ދަމަހައްޓަން މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ހަގީގަތް އޮޅޭ ފަދަ މައުލޫމާތު ފެތުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ކަމަށާ، ޓްރަމްޕަށް ބައިއަތު ހިފާފައިވާ ފަރާތްތަކުން އެކަމަށް ތާއީދު ކުރި ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

ރަޝިއާގެ މަގުސަދަކަށް ވީ ބައިޑަންގެ ކެންޑިޑަސީއަށް ގެއްލުން ދިނުމާ، ޓްރަމްޕަށް ދެވަނަ ދައުރެއް ކަށަވަރު ކޮށްދިނުން އެކަނި ނޫން ކަމަށާ، އިންތިހާބީ ނިޒާމާ މެދު އާންމުންގެ މެދުގައި ސުވާލު އުފައްދާ، އިޖުތިމާއީ-ސިޔާސީ ބައިބައިވުން އިތުރު ކުރުވުން ކަމަށްވެސް ޖާސޫސީ ރިޕޯޓްގައި ވެއެވެ.

ދޮގު މައުލޫމާތު ފެތުރުމަށް ރަޝިއާއިން ބޭނުން ކުރީ، ޓްރަމްޕްގެ އެންމެ އަރިސް މީހުން ކަމަށް ބުނެވެއެވެ.

އޮފިސް އޮފް ދަ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްއިން އެކުލަވާލި މި ރިޕޯޓަކީ، 2020 ވަނަ އަހަރުގެ އިންތިހާބަށް، ބޭރުގެ ފަރާތްތަކުން ކުރިމަތި ކުރި ނުރައްކާތައް ބަޔާން ކުރާ، ތަފްސީލީ ރިޕޯޓެކެވެ. އެގޮތުން އެމެރިކާގެ ޑިމޮކްރަޓިކް ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުން، ވަކިވަކި ކެންޑިޑޭޓުންނަށް ޓާގެޓް ކޮށްގެން އަމަލުތަކެއް ހިންގިކަން، ތަފްސީލީ ގޮތެއްގައި ބަޔާން ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މީހުންގެ ތެރޭގައި 2016 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒު ފޯރުވި ކޮންސްޓަންޓީން ކިލިމްނިކްވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ބޭރުގެ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ މަރުހަލާއާ ގުޅޭ ޓެކްނިކަލް އެއްވެސް ކަމަކަށް ނުފޫޒު ފޯރުވި ކަމުގެ ހެއްކެއް ނެތް ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، އިންތިހާބަށް ބޭރުގެ ފަރާތްތަކުން ފޯރުވާ ނުފޫޒާ ދެކޮޅަށް އެމެރިކާގެ ސަރުކާރަށް ކުރެވެން އޮތް ކަންކަމުގެ ހައްދުވެސް މި ރިޕޯޓުން ފާހަގަ ކޮށްދެއެވެ.