ސްރީލަންކާގައި މޫނު ބުރުގާ މަނާ ކުރުމާ ބެހޭ ގޮތުން ކަނޑައެޅިގެން ވަކި ނިންމުމެއް އަދި ނުނިންމާ ކަމަށާ، އެއީ ހަމައެކަނި ހުށަހެޅުނު "ޕްރޮޕޯސަލެއް" ކަމަށް، އެ ގައުމުގެ ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
މޫނު ބުރުގާ އެޅުން މަނާ ކުރުމުގެ އަޑުތަކެއް ލަންކާއިން ފެންމަތިވުމާއެކު، ސަރަހައްދީ ގިނަ ބައިވެރިންތަކެއް ވަނީ އެކަމަށް ފާޑުކިއާފައެވެ. މޫނު ބުރުގާގެ މައްސަލާގައި ލަންކާއިން ރާގު ބަދަލު ކޮށްފައި މިވަނީ، އދއިން ބަލަމުން އަންނަ އިންސާނީ ހައްގުތަކުގެ މައްސަލާގައި ބައިނަލްއަގުވާމީ އެއްބާރުލުން، ލަންކާއަށް އިންތިހާއަށް ބޭނުން ވެފައި ވާ ދަނޑިވަޅެއްގައެވެ.
މުސްލިމު ބައެއް އަންހެނުން އައުރަ ނިވާ ކުރުމުގެ ނަމުގައި، މުޅި މޫނު ފޮރުވޭހެން އަޅާ މޫނު ބުރުގާ މަނާ ކުރާނެ ކަމަށް ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު، ސަރަތު ވީރަސެކޭރާ އިއުލާން ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހުއްޖަތަކަށް ހެއްދެވީ، ގައުމީ ސަލާމަތުގެ މައްސަލައެވެ. ވަޒީރު އެ ދުވަހު ވިދާޅުވީ، މައްސަލަ އޮތީ ވަޒީރުންގެ މަޖިލިހުން ރުހުން ދިނުމާ ހިސާބުގައި ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް، އަންގާރަ ދުވަހު ސްރީލަންކާގެ ފޮރިން މިނިސްޓްރީއިން ބުނީ، މި ކަމުގައި ވަކި ގޮތެއް ނުނިންމާ ކަމަށާ، މިއީ އަދި "ޕްރޮޕޯސަލެއް" ކަމަށެވެ. އަދި މިކަން އޮތީ، މަޝްވަރާގެ މަރުހަލާގައި ކަމަށްވެސް ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނުގައިވެއެވެ.
ކަމާ ބެހޭ ހުރިހާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި ލަންކާގެ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށާ، އެއްބަސްވުމަކަށް އައުމަށް ހޯދަން ޖެހޭ ލަފާތައްވެސް ހޯދާނެ ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ސްރީލަންކާގެ އާބާދީގައި މުސްލިމުން ހިއްސާ ކުރަނީ އެންމެ 10 ޕަސެންޓްއެވެ.
މޫނު ބުރުގާ މަނާ ކުރުމުގެ މައްސަލާގައި ލަންކާގެ ފޮރިން މިނިސްޓްރީއިން ބަޔާނެއް ނެރެފައި މިވަނީ، ޕާކިސްތާނުން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސާދު ކައްތާކު، ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގެ މަންދޫބު ވިދާޅުވީ، މިފަދަ ކަމެއް ކުރުމަކީ ލަންކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާދައިގެ މުސްލިމުންގެ އިހުސާސްތަކަށް ދެވޭ އަނިޔާއެއް ކަމަށެވެ.
ދީނީ މިނިވަންކަމާ ގަބޫލު ކުރުންތަކަށް ވަކާލާތު ކުރައްވާ އދގެ މަންދޫބު އަދި ދިވެހިރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދުވެސް ވަނީ ލަންކާއިން މޫނު ބުރުގާ މަނާ ކުރާ މައްސަލާގައި ފާޑުވިދާޅުވެފައެވެ. ޑރ ޝަހީދު ވިދާޅުވީ، މިއީ ދީނީ ގަބޫލުކުރުންތަކާ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ގާނޫނުތަކާ ތައާރުޒުވާ ކަމެއް ކަމަށެވެ.
ލަންކާގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި އދއިން އަންނަ ހަފުތާގައި ވޯޓަށް ދާއިރު، މިމައްސަލާގައި ވޯޓުލާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ މުސްލިމު ގައުމުތައް ހިމެނެއެވެ. މި ވޯޓުގައި، ލަންކާއާ ދެކޮޅަށް ގަރާރު ފާސްކޮށްފިނަމަ، 2009 ވަނަ އަހަރު ނިމުމަކަށް ގެނައި ލަންކާގެ ދާހިލީ ހަނގުރާމައިގެ މައްސަލައިގެ ތަހުގީގު ފަށާނެއެވެ.
މިމައްސަލާގައި ނަގާ ވޯޓުގައި ބައިވެރިވާ 47 ގައުމުގެ ތެރެއިން 3 ބައިކުޅަ 1 ބައި ހާ ގައުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރުންނެވެ. މި ގައުމުތަކަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އަންދާ މައްސަލާގައިވެސް ލަންކާއާ ދެކޮޅަށް އަޑުއުފުލި ގައުމުތަކެވެ.