އިންޑިއާ ސަރުކާރުން ބޭނުންވަނީ އުތުރުތިލަފަޅުގައި އަސްކަރީ ބޭހެއް ހަދަން ކަމަށް ކުރީގެ ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ ދިވެހި ނެޝަނަލް އެކްޝަން (ޑިއެންއޭ) ގެ ފަރާތުން، އުތުރުތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރޮގްރާމެއްގައެވެ.

އޭނާ ވިދާޅުވީ، އެ އެއްބަސްވުން ހަދަން އިންޑިއާ ސަރުކާރުން ބޭނުންވި ސަބަބަކީ އުތުރު ތިލަފަޅުގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ހެދުން ކަމަށާއި ނަމަވެސް ސޮއި ކުރި އެއްބަސްވުމުގައި އެކަމަށް އެއްބަސް ވެފައި ވާ އުސޫލު ބަދަލުކުރި މިންވަރާއި ހިފަހެއްޓި މިންވަރު އެނގޭނީ ދިވެހި ސަރުކާރަށް ކަމަށެވެ.

އުމަރު ވިދާޅުވީ، އޭނާ އިއްޔެ ލީކް ކޮށްލެއްވި އެ އެގްރީމެންޓުގެ ކޮޕީއަކީ، އެކަމާ ގުޅޭ ގޮތުން އިންޑިއާއިން މިދިޔަ އަހަރުގެ ޖޫމް މަހު ދިވެހި ސަރުކާރަށް ފޮނުވި ޑޮކިއުމެންޓްގެ ކޮޕީއެއް ކަމަށެވެ. އެއީ އެއްވެސް އުނިއިތުރެއް ގެނެސްފައި ވާ އެއްޗެއް ނޫން ކަމަށާއި، ދިވެހި ސަރުކާރުން އެއީ އަސްލެއް ނެތް އެއްޗެއް ކަމަށް ބުނާތީ، ސޮއި ކުރި އަސްލު ދެއްކުމަށް އުމަރު ވަނީ ގޮވާލައްވާފައެވެ.

އުމަރު ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވަނީ އިންޑިއާގެ އަސްކަރީ ބޭހެއް ހެދުމުގެ އިތުރުން މިހާރުވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބީމާ ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އިންޑިއާގެ މިލިޓަރީ ކަންކަން ރާއްޖެއަށް އައިސްފައި ވާ ގޮތައް ބަލާއިރު، ޔޫޓީއެފް އަކީ "ބޮޑު ޗެއިނެއްއްގެ އެއް ބޮޅު" ކަމަށެވެ. އޭނާ ވިދާޅުވީ، އައްޑުއަށް ފޮނުވާފައިވާ އިންޑިއާގެ ހެލިކޮޕްޓަރާއި އައްޑޫގައި މިހާރު އަޅަމުންދާ ޕޮލިސް އެކަޑަމީއާއި އެތަން ބޭނުން ކުރާނެ ގޮތާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.

އަދި ލ. އަތޮޅުގައި އިންޑިއާގެ ހެލިކޮޕްޓަރެއް ބާއްވާފައިވާ ކަމަށާއި އިންޑިއާގެ ސިފައިން ވެސް ތިބި ކަމަށެވެ. އަދި ހަނިމާދޫއަށް ގެނެސްފައިވާ ޑޯނިއާ މަތިންދާ ބޯޓާއެކު އެތާނގައިވެސް ސިފައިން ތިބި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ބޭތިއްބުން ކަމަށް އުމަރު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްމުގެ ޑްރާފްޓެއް ކަމަށް ވިދާޅުވެ އުމަރު އާންމު ކުރެއްވި ޑޮކިއުމެންޓާ ހަވާލާދީ ފެތެރެމުންދާ ވާހަކަތައް ރާއްޖޭގެ ދިފާއީ ބާރުން ވަނީ ދޮގު ކޮށްފައެވެ.

އެ ޑްރާފްޓް ކަމަށް ބުނާ ލިޔުމުގައި ބަޔާން ކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތު ކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިން ބޭނުން ނަމަ 2 ގައުމު އެއްބަސްވެ، ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާން ކުރެއެވެ.