ދުވަސް ނުފުރާ ވިހެއުމާއި ނުވަތަބަނޑަށް ދަރިފުޅު މަރު ވުމުގައި، 22 ހަފްތާ ހަމަނުވާ ކުއްޖެއް ނަމަ، ވިންދު ހުއްޓަސް ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލްތަކުގައި ފަރުވާއެއް ނުދޭ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހޭ ކުއްޖަކު އެއްވެސް ފަރުވާއެއް ނުދީ، މަރުވަންދެން ޓްރޭއެއްގައި ބޭއްވި ކަމަށް އާއިލާއިން ބުނާ މައްސަލައާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ ނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން (އާންމު ބަހުންނަމަ ބައިގެން ދިއުން) ކަމަށެވެ.

އެގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިއާޔަތް ކުރާ އިރު އައިޖީއެމްއެޗްގައި ބައިގެން ދިއުން ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 24 ހަފްތާ ވުމުގެ ކުރިން ބަނޑުގައި ވާ ދަރިފުޅު މަރުވެއްޖެ ނަމަ ނުވަތަ ވިހައިފިނަމަ ކަމަށެވެ.

އަދި ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެންވެސް ކުއްޖާގެ ވިންދު ހުންނާނެއެވެ. ކުއްޖާގެ ވިންދުހުރިނަމަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެއެވެ. އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާއަސާސީ ގުނަވަންތައްވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާނެއެވެ. ސިއްހީ ގޮތުން ރިއާޔަތްކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް (22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވާ) ރިއާޔަތް ކުރުމަށްފަހު މި އުމުރުގައި ވިހާ ކުއްޖެއް ނުވަތަ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫނެވެ.
އައިޖީއެމްއެޗް

އެއީ "ވަޔަބަލް ފީޓަސް" އެއް ނޫނެވެ. އެފަދަ ކަންކަމުގައި އަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މި މަންޒަރަކީ އާއިލާ އަށާއި އެހެނިހެން ފަރާތްތަކަށްވެސް ތަހައްމަލް ކުރަން ދަތި މަންޒަރެއްކަން ގަބޫލުކުރަމެވެ. ސިއްހީ ގޮތުން އާއްމު މައުލޫމަތެއްގެ ގޮތުގައި މިކަން ހޮސްޕިޓަލުގެ ފަރާތުން ރައްޔިތުންނާއިހިއްސާ ކުރި ނަމަވެސް ވަކި ބަލިމީހެއްގެ ވަކި ކޭސް އަކާ ބެހޭ ހާއްސަ މައުލޫމާތު ތަކަކީ ކަމާބެހޭ ގާނޫނީ އުސޫލުތަކުގެދަށުން އާއްމުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް ހާމަކުރުން މަނާ މައުލޫމާތެވެ. ވީމާ މި ހޮސްޕިޓަލާ ބެހޭގޮތުން ސޯޝަލްމީޑިއާ އާއި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފްސީލު ހާމަކުރުމަކީ ނުވަތަ ކަންވީގޮތް ތަފްސީލުކޮށް ބަޔާންކުރުމަކީ މި ހޮސްޕިޓަލަށް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ.
އަިއޖީއެމްއެޗް

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ ބަލިމީހާގެ ހާލަތާއި، ކުރިމަތި ވެދާނެ ކަންތައްތަކާއި، އެކަމަކަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަން ކަމަކީ ސީދާ ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ތަފްސީލުކޮށް ކިޔައިދޭ ކަންކަން ކަމަށެވެ.

އަދި އެ މައުލޫމާތު ހިއްސާ ކުރަނީ ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ކަމަށާއި ފަހުން ހޮސްޕިޓަލަށް ދާ އާއިލާގެ އެހެނިހެން މެންބަރުންނަށް ހުރިހާ މައުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ކިޔާ ދިނުމަކީ ސިއްހީ ގޮތުން ޢަމަލުކުރާ މިންގަނޑުތަކާ، އެކަށީގެންވާ ހަމަތަކުގެ މަތިން އަމަލީގޮތުން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުދެކޭ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އަދި އެފަދަ ހާލަތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާ ހިލާފަށް ހޮސްޕިޓަލު ތެރެއަށް ވަދެ ހިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށާއި އެހެނިހެން މުވައްޒަފުންނަށް ބިރު ދައްކައި، މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ނުކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

އައިޖީއެމްއެޗުން އެހެން ބުނީ ދުވަސް ނުފުރާ ވިހޭ ކުއްޖެއްގެ ފޮޓޯއާއި ހަބަރުތައް މީޑިއާތަކުގައި ދައުރުވާން ފެށިތާ 18 ގަޑިއިރު ފަހުންނެވެ.

އައިޖީއެމްއެޗުން ބުނީ ސްޕޮންޓޭނިއަސް އެބޯޝަންތަކާއި ވިހެއުމުގެ ތެރޭގަ އާއި ވިހެއުމަށް ފަހު ދަރިފުޅު ނުވަތަ މައިމީހާ މަރުވާ ކޮންމެ މައްސަލައަކީވެސް ވަކި މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުގެ ފަރާތުން ތަހުގީގު ކުރާ، އަދި ކުރިއަށް އޮތް ތަނުގައި އިސްލާހު ކުރެވިދާނެ އެއްވެސް ކަމެއް އޮތްތޯ ބަލާނެ ކަންކަން ކަމަށެވެ.