އިދިކޮލު ކޯލިޝަނުން ޕީޕީއެމް އޮފީސް ކުރިމަތީ ކުރަން ފެށި މުޒާހަރާ ހުއްޓުވަން ފުލުހުން ނިކުމެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން "އަޅުވެތި ކަމާ ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދާ މުޒާހަރާ ފުލުހުން ވަނީ ރޫޅާލާފައެވެ. އެ މުޒާހަރާ ފަށާފައި ވަނީ ޕީޕީއެމް އޮފީސް ދޮރުމަތީން މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އަދި މުޒާހަރާ ފެށުމާއެކު އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ ބެރިކޭޑް ޖަހައި މަގު ބަންދުކޮށް އަދި މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އެގޮތުން މިހާތަނަށް ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާއިން ވެސް ފުލުހުން ގިނަ ބަޔަކު ހައްޔަރު ކުރިއެވެ. ޖުމްލަ 24 މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި އިރު އޭގެތެރެއިން އެކަކު ފިޔަވާ ދެން ތިބި މީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެޗްޕީއޭއިން ވަނީ އެއްވުންތައް ނުބޭއްވުމަށާއި އާންމު ތަންތަނަށް އެކުއެކީގައި 5 މީހުންނަށް ވުރެ ގިނައިން ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރަމުން ދާނެ ކަމަށް ބުނެފައި ވެއެވެ.