އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަ ކުރުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ދައުރުވަމުން ދިޔަ ލިޔެކިޔުންތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ވެރިން ވާހަކަ ދައްކާފައި ވަނިކޮށެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ އިސްތިގުލާލާއި ދިވެހިރާއްޖޭގެ ސަލާމަތާއި ދިފާއަށް އެ މުއައްސަސާއަށް ވުރެ ބޮޑަށް ގުރުބާންތަކެއް ވި މުއައްސަސާއެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ރާއްޖޭގެ ގައުމީ ސަލާމަތާ މިނިވަން ކަމާ ސިޔާދަތަށް ގެއްލުމެއް ލިބޭފަދަ ކަމެއް ހިމަނާފައި ނުވާ ނަމަ އެ އެއްބަސްވުން ސިއްރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން ވީހާ ވެސް އަވަހަކަށް އެ އެއްބަސްވުން ހާމަކޮށް ދިނުމަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ޑްރާފްޓަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށާއި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދިވެހި ސިފައިން 20 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން އަންނަ ކަމަށާއި، އެގޮތަށް ތުހުމަތު ކުރާނަމަ އެ މައްސަލަ ބަލަން ހުށަހަޅުއްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ވިދާޅުވެ އެ ލިޔެކިޔުން ލީކް ކޮށްލާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު ވިދާޅުވެފައި ވަނީ އެއީ ސައްހަ ލިޔުމެއް ކަމަށާއި އަދި އެ ލިޔުމަކީ އިންޑިޔާއިން އޭނާއަށް ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށެވެ. އަދި އެ އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު މިއަދު ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގެނެސްދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް، މިއަދު މަޖިލީހުގައި ގޮވާލައްވާފައެވެ.

އުތުރު ތިލަފަޅު އެގްރީމަންޓް ކަމަށް ބުނެ ލިޔެކިޔުންތަކެއް އުމަރު ލީކްކޮށްލައްވާފައި ވާ އިރު އުމަރު އަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ގުޅޭ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ފާޑުވިދާޅުވެ ސަރުކާރާ ދެކޮޅަށް އޭނާ ގެންދަވަނީ އަބަދުވެސް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.