ކޮވިޑް19ގެ ހާލަތުގައި މިސްކިތްތަކުގައި ގައިދުރު ކަމާއެކު ނަމާދުގެ ޖަމާއަތް ހެދުމަކީ މަކްރޫހަ ކަމަކާ ނުލާ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް، ސުމްރީމް ކައުންސިލް ފޯ ފަތުވާ އިން ބުނެފިއެވެ.

ގައިދުރު ކަމާއެކު ޖަމާއަތް ހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފަިއ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ އިޖުތިމާއީ ބައެއް ކަންކަން އަދާކުރުމުގައި އާންމު ހާލަތާ އެއްގޮތަށް އަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެއީ އެފަދަ ކަންކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރުމަށް މަގުފަހިވާނެ ކަމަކަށް ވެ ދާނެތީ ކަމަށް އެ މަޖިލީހުން ބުނެއެވެ.

އެހެންކަމުން ގައިދުރު ކަމާއެކު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ގާއިމު ކުރުމާމެދު އިސްލާމް ދީނުގައި އޮންނަ ގޮތް ދެނެގަތުމަށް ފަތުވާ މަޖިލީހުގެ މެމްބަރުން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތާއި ފަތުވާދޭ މުއައްސަސާތަކުގެ އިލްމުވެރިންގެ ޖަމާއަތްތަކުގެ ބަސްފުޅުތަކުގެ އަލީގައި މައްސަލަ ދިރާސާ ކޮށްފައި ވާ ކަމަށް އެ މަޖިލީހުން ބުނެއެވެ.

ފަތުވާ މަޖިލީހުން ބުނީ ދުނިޔޭގެ ފަތުވާ މަޖިލިސްތަކާއި ފަތުވާ ކޮމިޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލު ކޮށްދެނީ، އާންމުންގެ މެދުގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހަދާ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަ ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޒަރޫރީ ހާލަތުން ދިފާއުވެ މަފްސަދާ ނައްތާލުމަށްޓަކައި ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ.

އަދި މިކަމުގައި އޮތް މަފްސަދާގެ އަސްލަކީ މީސްތަކުން އެއްތަނަކަށް ޖަމާވުން ކަމަށް ވާތީ، މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމު ވެގެން ވަނީ އިތުބާރު ހުރި ސިއްހީ މާހިރުން ދޭ މައުލޫމާތުގެ މައްޗަށް ބުރަވެތިބެ، އެއާ އެއްގޮތަށް އަމަލު ކުރުން ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ. އެ މަޖިލީހުން ބުނީ ސިއްހީ މާހިރުންގެ އަމުރުތަކަށް ތަބާވުމަކީ ޝަރުއީ ގޮތުން އޮތް ވާޖިބެއް ކަމަށާއި، އެ އަމުރުތަކާ ހިލާފުވުވުމުން ނަފްސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އެމީހަކު ފަހަރުގައި މަރާ ކުރިމަތިލައި ހަލާކުވެގެން ހިނގާދާނެ ކަމަށެވެ.

ފަތުވާ މަޖިލީހުން އިތުރަށް ބުނީ ރަސޫލާގެ ސުންނަތުން ސާބިތު ވެފައި ވަނީ ނަމާދުގެ ސަފު، ހުސްތަން ނޯންނާނެހެން ފުރިހަމަ ކުރުމަކީ ނަބަވީ ހިދާޔަތުގެ ތެރެއިން ހިމެނޭ ސުންނަތެއް ކަމަށެވެ، އަދި އެއީ ނަމާދުގެ ވާޖިބުތަކުގެ ވާޖިބެއް ނޫންކަން ދަލީލުކުރާ ކަމަށް ވެސް ފަތުވާ މަޖިލީހުން ބުނެއެވެ. އެ މަޖިލީހުން ބުނީ، ސަފުތައް ފުރިހަމަކުރަން ހަނދާން ނެތިގެން ނޫން ގޮތަކަށް ގަސްދުގައި ދޫކޮށްލި ނަމަވެސް އެކަމަކީ ނަމާދު ބާތިލު ވާނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، އިސްވެ ދެންނެވުނު ގޮތަށް، އިޖްތިމާއީ ގައިދުރުކޮށްގެން ހެދޭ ފަރުޟު ނަމާދުގެ ޖަމާއަތާއި، ހުކުރު ނަމާދުގެ ޖަމާއަތް މަކްރޫހަ ކަމަކާއި ނުލައި ސައްހަވާނެ
ފަތުވާ މަޖިލީސް

ފަތުވާ މަޖިލީހުން ބުނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރި ވާނެ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކުރާ ކަމެއްގެ ފަރުދީ ޒިންމާ އެމީހަކު އުފުލަން ޖެހޭނެ ކަމަށެވެ. ހަމައެއާއެކު ދުނިޔޭގެ ގައުމުތަކުގެ ފަތުވާ މަޖިލިސްތަކުން އެއްބަސްވެފައި ވަނީ އެގޮތަށް އަމަލުކޮށް ކަމުގެ ހުރުމަތް ކަނޑާލުމާއި އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފްސާއި މުޖުތަމައު ކޮވިޑްގެ ކާރިސާގެ ނުރައްކަލަށް ހުށަހެޅުމަކީ ހަރާމް ކަމެއް ކަމަށެވެ.

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް މި މަހު ފުރަތަމަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. ނަމަވެސް އެ މައްސަލައިގައި އިލްމުވެރިންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ.