ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިހާތަނަށް، 138 މީހަކު މަރާލާފައި ވާ ކަމަށް އދއިން ބުނެފިއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒްގެ އޮފީހުން ބުނީ މަރުވި މީހުންގެ ތަފާސް ހިސާބުގައި، އާދީއްތަ ދުވަހު މަރާލި 38 މީހުންނާއި، ހޮނިހިރު ދުވަހު މަރާލި 18 މީހުންވެސް ހިމެނޭ ކަމަށެވެ.
ދޭސީ ފެންވަރުގައި މިޔަންމާގެ މަސްރަހު ވިލަރެސް ކުރަމުން އަންނަ އެސިސްޓަންސް އެސޯސިއޭޝަން ފޮ ޕޮލިޓިކަލް ޕްރިޒަނާޒް އިން ބުނީ، ހޯމަ ދުވަހު އެކަނިވެސް 20 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށެވެ.
ޑިމޮކްރަޓިކް އިންތިހާބަކުން މިޔަންމާގައި ވެރިކަން ކުރަމުން ގެންދެވި އާންގް ސާންގް ސޫޗީގެ މަދަނީ ސަރުކާރު ވައްޓާލުމަށްފަހު، މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކާ އިއުލާން ކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި އޮތް މަދަނީ ގާނޫނުތައް އުވާލާ، އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް، އެ ސަރަހައްދުތަކުގައި ހިންގަން ފެށި ކަމަށްވެސް ހަބަރު ލިބެއެވެ.
އދގެ އިން ވަނީ މިޔަންމާގެ ބަޣާވާތާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަށްވެސް، އެ ބަޣާވާތާ ދެކޮޅަށް ތެދުވުމަށް ގޮވާލާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކަކުން ދަނީ މިޔަންމާގެ ބަޣާވާތް ކުށްވެރި ކުރަމުންނެވެ.