އަވަށްޓެރި ސްރީލަންކާގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރު ވެފައި ވާ ކަމަށް، އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މިއަހަރުގެ މިހާ ހިސާބަށް އައި އިރު، ލަންކާއިން ޑޭންގޫގެ 3945 ކޭހެއް ރެކޯޑް ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ވިއްސާރައާ ވިދިގެން ލަންކާގައި އާންމު ގޮތެއްގައި ޑެންގޫ ކޭސްތައް އިތުރުވާން ފަށައެވެ.
ލަންކާގެ 26 ޑިސްޓްރިކްޓަށްވެސް މި ކަމުގެ އަސަރު ކުރަމުން ދާއިރު، ހުރިހާ އުމުރު ފުރާއަކަށްވެސް މި އަސަރު ފޯރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުގެ ރެކޯޑްތަކަށް ބަލާއިރު، 2020 ވަނަ އަހަރު، ލަންކާއިން 30802 ޑެންގޫ ކޭސް ރެކޯޑް ކުރިއިރު، މި ބަލީގައި އެ އަހަރު 30 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ހަބަރު ލިބެއެވެ.
ލަންކާގައި މަދިރި އާލާވާ މިންވަރު އިތުރުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގޫ ކޭސްތައް ހަލުވިކަމާއެކު އިތުރުވެގެން ހިނގައިދާނެ ކަން، ސިއްހީ އޮފިޝަލުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރިއަށް އޮތީ މޫސުމީ ވިއްސާރައިގެ ދުވަސްވަރެއް ކަމުން، މަދިރި އާލާވުމުގެ މައްސަލައަށް އިތުރަށް ސަމާލު ވުމަށްވެސް ލަންކާގެ ސިއްހީ އޮފިޝަލުން ވަނީ ގޮވާލައްވާފައެވެ.
ޑެންގޫއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަހުގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ.
އީޑީޒް އިޖިޕްޓައި އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް، އިންސާނާގެ ހަށިގަނޑަށް ވާސިލު ވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ.
ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.