ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން އުފައްދާފައިވާ ސައިނޯ ފާމް ވެކްސިން އަށާއި އެމެރިކާގެ ކުންފުންޏަކުން އުފެއްދި ފައިޒާ ވެކްސިން އަށް ރާއްޖެއިން ހުއްދަ ދީފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓޯ އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އައިޝަތު މުހައްމަދު ވިދާޅުވީ، އެ ދެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް އެމަޖެންސީ ޔޫސް އެޕްރޫވަލް ދީފައިވަނީ އިއްޔެ ކަމަށެވެ. އަދި މި ދެ ވެކްސިނަކީ ވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ވެކްސިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ސައިނޯފާމް ޖަހަން ހުއްދަ ދީފައި ވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 206،114 މީހަކަށް މިހާތަނަށް ދީފައިވެއެވެ. މާލެ ސަރަހައްދުން މިހާތަނަށް 116،636 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 89،478 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

އިތުރު ދެ ވެކްސިނަކަށް ހުއްދަ ދީފައި ވާއިރު، ރާއްޖޭގައި އަދި ދެނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.