އުރުދުންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ ޕޭޝަންޓުންތަކަކަށް އޮކްސިޖަން ނުލިބި، 7 މީހަކު މި ދުނިޔެ ދޫކުރުމުގެ ސަބަބުން، އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، މަގާމުން ދުރުކޮށްފިއެވެ.

އޮކްސިޖަން ނުލިބިގެން ޕޭޝަންޓުންތަކެއްގެ ފުރާނަ ގެއްލުމާއެކު، އެމީހުންގެ އާއިލާތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މަގުތަކަށް ނިކުމެފައެވެ. ނުރުހުންފާޅު ކުރަމުންދިޔަ އާއިލާ މެންބަރުން ކޮންޓްރޯލް ކުރުމަށް އުރުދުންއިން ވަނީ މަގުތަކަށް ފުލުހުންވެސް ނެރެފައެވެ.

ހޮނިހިރު ދުވަހު އޮކްސިޖަން ނުލިބުމުގެ މައްސަލަ ކުރިމަތިވީ، ވެރިރަށް އައްމާންގެ ހުޅަނގުން އޮންނަ ސަރަހައްދުގައި ހިންގާ ސޯލްޓް ގަވަމަންޓް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓާ، މާބަނޑުގެ މީހުންގެ ވޯޑުގެ އިތުރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވޯޑަށް ކަމަށް މައުލޫމާތު ލިބެއެވެ.

އުރުދުންގެ ބޮޑުވަޒީރު، ބިޝާރު އަލް ހަސްވާނީ ވިދާޅުވީ، ސިއްހަތާ ބެހޭ ވަޒީރު، ނާޒިރު އުބައިދާތު، މަގާމުން ދުރުކުރައްވާފައި ވާނެ ކަމަށެވެ. އާންމުންގެ ކުރިމަތީގައި މައާފަށް އެދިވަޑައިގަންނަވަމުން ބޮޑުވަޒީރު ވަނީ، އޭނާގެ ސަރުކާރުން، މި ހާދިސާގެ ފުރިހަމަ ޒިންމާ އުފުލާ ކަމަށްވެސް ވިދާޅުވެފައެވެ.

މިއީ ބޮޑު ގޯހެއް ކަމަށާ، މިއީ އުޒުރެއް ދައްކައިގެން ހުއްޖަތެއް ދެއްކެންއޮތް އަދި ބަލައިގަނެވެންވެސް އޮތް ކަމެއް ނޫން ކަމަށް އުރުދުންގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ހަސްވާނީ ވިދާޅުވީ، މި ކަމާ ލަދުވެތިވެވަޑައިގަންނަވާ ކަމަށާ، މިހާރު މަޑު ކުރައްވައިގެން ހުންނެވީ ޝަރުއީ އިމުގެ ތެރެއިން ހާދިސާ ތަހުގީގު ކޮށް، ނަތީޖާ ލިބޭނެ ވަގުތަކަށް ކަމަށެވެ.

އުރުދުންގެ ޢަބްދުﷲ ރަސްގެފާނުވެސް ވަނީ ހާދިސާ ހިނގި ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. އެތައް މިލިއަން ޑޮލަރެއް ހަރަދު ކޮށްގެން މިދިޔަ އޯގަސްޓް މަހު ހުޅުވި މި ހޮސްޕިޓަލުގައި މިފަދަ ހާދިސާއެއް ހިނގަން މެދުވެރީ ކީއްވެތޯ، ހުދު ރަސްގެފާނުވެސް ސުވާލު ކުރެއްވި ކަމަށް ހަބަރު ލިބެއެވެ.

އުރުދުންގެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ، މި ހާދިސާ ހިނގާފައި ވަނީ ސަރުކާރުގެ ހޮސްޕިޓަލުތައް ރަނގަޅަށް މެނޭޖު ނުކުރެވޭތީ ކަމަށް ވިދާޅުވެ، ފާޑުކިއުންތައް އަމާޒު ކުރައްވާފައެވެ.