ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާއިން މުހިއްމު ދައުރެއް އަދާކުރާ ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކުރައްވާ ވާހަކަ ދައްކަވާފައެވެ.

އަދި ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެ ފަދަ ބައިވެރިއެއްކަމާއި ސަރަހައްދުގެ ހަމަޖެހުމަުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށް މިނިސްޓަރުގެ ވާހަކަގައި ފާހަގަ ކުރެއްވިއެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި "ނެއިބާހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރު ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ އަދި އިންޑިއާ ފައުންޑޭޝަންގެ ބޯޑް އޮފް ގަވަނާސްގެ މެންބަރު ރާމް މަދަވް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އަހަރު ޗެންނާއީގައި ބޭއްވަނީ އެ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. އެ ބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. އެ ކޮންކްލޭވް އިންތިޒާމް ކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.