ކޮވިޑް-19 ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ކައިރީ ކިއު ދަމާލާފައި ވާއިރު، އެއްވެސް ގައިދުރު ކަމެއް ނެތެވެ.

ސޯޝަލް ސެންޓަރު ކައިރީ ދަމާލާފައި ވާ ކިއު ސޯޝަލް ސެންޓަރުގެ ދެ ފަރަތުން ދަމާލާފައި ވާއިރު، އެއް ފަރާތުން ތާޖުއްދީން ސްކޫލް ކައިރި، އަދި އަނެއް ފަރާތުން މާފަންނު ޕާކިން ޒޯން ކައިރިއާ ހަމައަށް އެބަ އޮތެވެ. ވެކްސިން ކިއުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވާއިރު، ގައުދުރުކަން ނެތްކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ވެކްސިން ކިއުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބިކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޑް-19 ވެކްސިން ޖެހި ކަމުގައި ވިޔަސް، ވެކްސިން ޖެހުމުގެ ކުރިން ބައްޔަށް ހުށަހެޅިއްޖެ ނަމަ، ޕޮޒިޓިވް ވަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، ރާއްޖެއިން ވެސް ބައެއް މީހުން ވަނީ ވެކްސިން ޖެހި ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 ވެކްސިން ޖެހުމަށް ގިނަ ބަޔަކު އެއްވަމުން ދަނީ، އަންނަ ހޯމަ ދުވަހުން ފެށިގެން ވެކްސިްނގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ކަމަށް އިއުލާން ކުރުމާ ގުޅިގެންނެވެ. ހޯމަ ދުވަހުން ފެށިގެން ވެކްސިން ޖެހުން ހުއްޓާލާނެ ކަމަށް ބުނެފައި ވީ ނަމަވެސް، 5 ކެޓަގަރީއެއްގެ މީހުންނަށް އެ ދުވަހުގެ ފަހުން ވެސް ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ:

  • ބަލިން ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދޭ މީހުން (އުމުރުން ދުވަސް ވީ މީހުންނާއި، ބަލިތަކުގައި އުޅޭ މީހުން)
  • ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ރާއްޖެއިން ބޭރުން ދަތުރު ކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރު ކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން، އަދި
  • ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުން މިއެވެ.

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އެޕްރީލްގައެވެ.