މިއަދު މުޒާހަރާއިން ހައްޔަރު ކުރި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫނިދޫ ޖަލަށް ގެންގޮސްފިއެވެ.

ޕީޕީއެމުން ބުނީ، މިއަދު ހައްޔަރު ކުރި ހުރިހާ އަންހެނުންނާ އެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަދި ހުޅުމާޅެ ސްޓިއަރިން ކޮމިޓީގެ ނައިބު އަބްދުއް ސަމަދު ދޫނިދޫ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާތަނށް ޖުމްލަ 24 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފައި ކަމަށް ޕީޕީއެމުން ބުނެއެވެ.

އަދި ހައްޔަރުކޮށްފައި ތިބި މީޙުންގެ ތެރެއިން 9 މީހަކު ވަނީ ދޫނިދޫއަށް ގެންގޮސްފައި ކަމަށާއި އަދި ބައެއް މީހުން ތިބީ އަތޮޅު ވެހީގައި ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން މާލެ ސަރަހައްދުގައި ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ހުއްޓުވަން ފުލުހުން ބައެއް މަގުތައް ބަންދުކޮށްގެން ތިބި ނަމަވެސް އިދިކޮޅު ކޯލިޝަނުން މާލެ މަގުތަކަށް ނުކުމެ މުޒާހަރާ ހިންގުމުން އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ޖުމްލަ 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މިއަދު ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ލީޑަރާއި ބައެއް ކައުންސިލް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

އިދިކޮލޫ ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެޗްޕީއޭއިން ވަނީ އެއްވުންތައް ނުބޭއްވުމަށާއި އާންމު ތަންތަނަށް އެކުއެކީގައި 5 މީހުންނަށް ވުރެ ގިނައިން ނުކުމެ އުޅުމަށް މަނާކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރަމުންދާނެ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ޕީޕީއެމް މުޒާހަރާއިން 39 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން ދޫކޮށްލާފައި ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހުއެވެ.