އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު 16 މީހަކު ހައްޔަރު ކޮށްފިއެވެ.

ޕީޕީއެމުން ބުނީ، މިއަދު ހައްޔަރު ކުރި 16 މީހުންގެ ތެރޭގައި އަބްދުއްރަހީމްގެ އިތުރުން އެ ޕާޓީގެ ކައުންސިލް މެންބަރުން ވެސް ހިމެނޭ ކަމަށެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލީޝާނުން "މަގޭ ފްލެޓް ކޮވާ؟" ގެ ނަމުގައި މުޒަހާރާއެއް ހިންގަން ނިންމާފައި ވަނިކޮށް މެންދުރު ފަސްވީ ފަހުން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަހައްދެއް ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދަށް އާންމުންނަށް ނުވަދެވޭނެހެން ފުލުހުން މަގު ބަންދުކޮށްފައި ވަނިކޮށް އިދިކޮޅު ކޯލިޝަނުން ވަނީ މާލެތެރޭގެ އެހެން ސަރަހައްދުތަކަށް ނުކުމެ މުޒާހަރާ ކުރިއަށް ގެންގޮސް ޝުއޫރު ފާޅު ކުރުމަށް މަސައްކަތް ކޮށްފައެވެ.

މިއަދު ވެސް މެންދުރު ފަހު 2:30 އިން ފެށިގެން ޕީޕީއެމް އޮފީސް ބަންދުކޮށް އެއްވެސް ފަރާތަކަށް ޕާޓީ އޮފީހަށް ވަނުމުގެ ހުއްދަ ނުދީ ސަރުކާރުން ދަނީ ހިފަހައްޓަމުން ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި އަދި ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ކުރާ އިދާރީ މުއައްޒަފުންނަށް ވެސް ޕީޕީއެމް އޮފީހަށް ނުވަދެވޭނެ ކަމަށް ބުނެފައިވާ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ ކަމަކީ އިންތިހާބާ ގުޅިގެން އެ ޕާޓީން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމުގައި ދެކޭ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އީސީން އެކަން ނުހުއްޓުވައިފި ނަމަ، މިކަމަކީ ސަރުކާރާއި، ސަރުކާރުގެ ކެންޑިޑޭޓުންނާ ގުޅިގެން އީސީން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއް ކަމުގައި ދެކޭ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.

ކޮންމެ ހުކުރު ދުވަހަކާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މުޒާހާރާކޮށް މިފަދަ އެއްވުންތައް ބާއްވަމުންނެވެ. ކޮވިޑް ބަލިމަޑުކަން ފެތުރެމުން މިދާ ދަންޑިވަޅުގައި އިދިކޮޅު ކޯޅިޝަނުން މުޒާހރާތައް ބާއްވަމުން ދަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ބުނެފައި ވެއެވެ. އަދި މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން މަޝްވަރާ ކުރުމަށް އެއް މޭޒު ދޮށަށް އައުމުން ކަމަށް ވެސް އިދިކޮޅުން ބުނެފައި ވެއެވެ.

ފުލުހުން މުޒާހާރާ ހުއްޓުވަން މިދިޔަ ހުކުރު ދުވަހު ވެސް ނުކުމެފައި ވެއެވެ. އެ މުޒާހަރާގެ ތެރެއިން 39 މީހަކު ފުލުހުން ހައްޔަރުކުރި އިރު އެ އެންމެން ވެސް 1000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

ކޮވިޑް ފެތުރެމުން ދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދުގައި އެކުއެކީގައި ބޭރަށް ނުކުމެ އުޅެވޭނީ އެއްފަހަރާ 5 މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.