ކަރަންޓީނު ނުވެ، މާލެއިން ނުވަތަ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކުން އެހެން ރަށަކަށް، ކެމްޕޭން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދިނުމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒާއި ޑރ. އަލީ ޒައިދު، އެޗްޕީއޭއަށް ފާޑު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ކެމްޕޭނަށް ދަތުރު ކުރާ ފަރާތްތަކަކީ ކޮވިޑް ފްރީ ބައެއް ތޯ އެޗްޕީއޭއާ ސުވާލު ކުރައްވާފައެވެ.

ޑރ. އިޔާޒުގެ އިތުރުން ދީނީ އިލްމުވެރިއާ ޑރ. އަލީ ޒައިދު ވެސް ވަނީ އެޗްޕީއޭގެ އެ ނިންމުމާ ގުޅިގެން ފާޑު ވިދާޅުފައެވެ. ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭ އަކީ މިހާރު އެއްވެސް ވަރަަކަށް އިތުބާރު ކުރާ ޖަމާއަތެއް ނޫން ކަމަށެވެ.

އަދި "މޮޑޭ ފުއްގަނޑޭ އެޗްޕީއޭ އެކޭ ތަފާތެއް ނެތް" ކަމަށާއި މުޅިން އަގު ވެއްޓިއްޖެ ކަމަށް ޑރ. ޒައިދު ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މީހުންނަށްޓަކައި އެނގިތިބެ ގޯސް ނުހެދުމަށް ޑރ. ޒައިދު ވަނީ އެދިވަޑައިގެންފައެވެ.

އެޗްޕީއޭ އިން ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ރޭ ބަދަލު ގެނެސްފައެވެ. އެގޮތުން ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަންވާނީ، އެޗްޕީއޭއިން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ހާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ ގައިޑްލައިންގެ ދަށުން ކަރަންޓިނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދެނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. އަދި އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަން ޖެހެއެވެ.

އޭގެ އިތުރުން، ކެންޕޭނަށް ރަށެއްގައި ވަކިން ތިބެވޭނެ އިންތިޒާމު ހަމަަޖައްސަން ޖެހޭނެ ކަމަށާއި ކެމްޕޭނަށް ރަށްރަށް ދާ ޓީމްތަކުން އެރަށެއްގައި ބައްދަލުވުންތައް ބާއްވާ ތަން ނޫން އެހެން ތަނަކަށް ދިޔުމަކީ މަނާ ކަމެއް ކަމަށް ގައިޑްލައިންގައި ވެއެވެ.

އެ ދަތުރުގައި ކެންޑިޑޭޓު ކަނޑައަޅާ ފަސް މިހުންނަށް ވުރެ އިތުރުނުވާ އަދަދަށް މީހުން ބައިވެރި ކުރެވިދާނެ ކަމަށް އެ ގައިޑްލައިންގައި ބުނެއެވެ.

ޑރ. އިޔާޒު މީގެ ކުރިން ވަނީ، ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ އުސޫލުތަކާ "ސިންގާ އާއި ބަކަރި" ވާހަކައިގައި ބަކަރި ދައްކާ އުޒުރުތަކާ ތަފާތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އިޔާޒް މިހެން ވިދާޅުވީ ކޮވިޑުން ރައްކާތެރި ވުމަށް މިސްކިތުގައި ނަމާދު ކުރާއިރު ގައިދުރު ކަން ދެމެހެއްޓުމަށް އެޗްޕީއޭއިން އަންގާފައި އޮތުމުންނެވެ.

މިސްކިތުގައި ނަމާދު ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލާ ގުޅިގެން ޒައިދު ވިދާޅުވީ، މާސްކު އެޅުމާއެކު މިސްކިތުގެ ސަފުތައް، ކައިރިކައިރީގައި ތިބެ ހަދަމުން ދަނިކޮށް ކޭސްތައް ދަށްވެގެން ދިޔަ ކަމަށެވެ. އެހެންކަމުން މިހާރު ކޭސްތައް އިތުރުވެފައި ވަނީ އާ އަހަރާ ގުޅިގެން އެޗްޕީއޭއިން ކަނޑައެޅި ގޯސް ނިންމުންތަކެއްގެ ނަތީޖާގެ ސަބަބުން ކަމަށް އެއްބަޔަކު ބުނާ ކަމަށް ޒައިދު ވިދާޅުވެއެވެ. އަދި މިސްކިތާއި ކޭސްތައް އިތުރުވުމާ ގުޅުމެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.