ބޭންކް އޮފް މޯލްޑިވްސް އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދުމުގެ އިތުރު ފުރުސަތަކަށް ހުޅުވާލައިފިއެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯން ސްކީމާ ގުޅޭ މައުލޫމާތު އާންމު ކުރީ މިދިޔަ ނޮވެމްބަރު މަހު 11 ގައެވެ. އަދި އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް ކަނޑައެޅިފައިވާ އަދަދު ހަމަވުމާއެކު، ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްޓަކައި އެ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ވަނީ ޑިސެމްބަރު 29ގައި ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ނަމަވެސް އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް އެދި މިހާތަނަށް ބޭންކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު މި ފަންޑުގައި ބާކީ ފައިސާ ހުރުމާއެކު ބީއެމްއެލުން ވަނީ މި ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލާފައެވެ. އީއައިބީ ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފް ކުރި ލޯނެކެވެ.

ލޯނަށް އެދިހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް އީމެއިލް މެދުވެރިކޮށް މިމަހު 31ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލުން މިހާރު ވަނީ ހުޅުވާލާފައެވެ.

ވިޔަފާރިތަކަށް 15.42 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައި ވާއިރު މި ލޯނަށް ކަނޑައަޅާފައި ވަނީ 6 ޕަސަންޓުގެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެއެވެ.