އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑިއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ ރިކަވަރީ ލޯނު ސްކީމުގެ ގްރޭސް ޕީރިއަޑް އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ކުރުމަށް ނިންމާފައި ވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ލޯނު ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގްތިސޯދު އަރައިގަތުމަށް އެހީތެރި ވުމުގެ ގޮތުން ފަށާފައި ވާ ސްކީމެކެވެ. އެހެން ކަމުން މި ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ އެ މިނިސްޓްރީގެ މަގުސަދު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިހާތަނަށް ނަގާފައި ވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައި ވާ ކުންފުނިތަކަށް ވެސް އިތުރު 6 މަސް ދުވަހަށް ގްރޭސްޕީރިއަޑް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ގްރޭސް ޕީރިއަޑް އިތުރުން ކުރަން ހުށަހަޅާ ހުށަހެޅުންތައް ބަލައި ގަތުމުގައި ލޯނު އެޕްލިކޭޝަން އިވެކުއޭޓް ކުރުމުގައި އެސްޑީއެފްސީން ގެންގުޅުނު މިންގަނޑުތަކަށް ބަލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ގްރޭސް ޕީރިއަޑް އިތުރު ކުރާނީ:

  • ގްރޭސް ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކަށް: މާޗް 2021 އިން ފެށިގެން 6 މަހުގެ މުއްދަތަކަށް
  • ގްރޭސް ޕީރިއަޑް ހިނގަމުންދާ ފަރާތްތަކަށް: ހިނގަމުންދާ ގްރޭސް ޕީރިއަޑް ނިމޭތާ 6 މަސް ދުވަހުގެ މުއްދަތަކަށް
  • ޑިސްބާސް ނުކޮށް ހުރި ލޯނުތަކަށް: ލޯނާއެކު ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑުގެ އިތުރުން، އިތުރު 6 މަހުގެ މުއްދަތަކަށް މިއެވެ.

އޯވާޑިއު ޕޭމަންޓަތައް ހުރި ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރު ކުރާމަނަ، އޯވާޑިއު ޕޭމަންޓްތައް އިތުރު ކުރާ ގްރޭސް ޕީރިއަޑްގެ މުއްދަތަކަށް ބަހާލައިގެން ނުވަތަ އެއްފަހަރާ ދެއްކުމުގެ އިހްތިޔާރު ލިބޭނެއެވެ. ހަމައެއާއެކު ފުރަތަމަ ޑިސްބާސްމަންޓް ހަދާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކިކޮށް، ނުވަތަ އެއްވެސް މުވައްޒަފެއްގެ މުސާރަ 5000 ރުފިޔާއަށްވުރެ ދަށްކޮށްފައި ވާނަމަ، އެ ވިޔަފާރިން ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑް އިތުރު ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން، އެސްޑީއެފްސީން ލޯނުނަގާފައިވާ ފަރާތްތަކަށް ގްރޭސް ޕީރިއަޑް އިތުރު ކުރުމުގެ އެޕްރޫވަލް ޓާމްސްއާއެކު ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އެންގުމުން، ގްރޭސް ޕީރިއަޑް އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އެކްސްޓެންޝަން ބަލައިގަނެ، އެކަމަށް ބޭނުންވާ ލިޔެކިއުން ހަމަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ. ގްރޭސް ޕީރިއަޑް އެކްސްޓެންޝަން ރިޖެކްޓް ކުރުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަށް ލިބިގެން ވެއެވެ.