ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ އުސޫލާ އެއްގޮތަށް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މި ފާއިތު ވި 2 އަހަރެއްހާ ދުވަހު ރާއްޖޭގައި ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި 10،000 ދަރިވަރުން ލިލޭ ޑިގްރީގެ ޕްރޮގްރާމްގެ ދަށުން ކިޔަވަން ފަށާފައި ވާ ކަމަށެވެ. ފެންރުއަރީ 14، 2019 ވަނަ ދުވަހު ތަންފީޒު ކުރަންފެށި ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ އުސޫލުގެ ދަށުން 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ފުޅެކެވެ.
ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލި ފަހުން މި ސްކީމް ތަންފީޒު ކުރުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮށްފައެވެ.
އެގޮތުން މި ސްކީމަށް ގެނެސްފައިވާ އެންމެ ބޮޑެތި ހެޔޮ ބަދަލުތަކަކީ ކިޔަވައިދޭ ތަނަށް ފައިސާ ދިނުމުގެ ބަދަލުގައި، ސީދާ ދަރިވަރުންނަށް ފައިސާ ލިބޭ ގޮތް ހަމަޖައްސައި ދިނުމެވެ. އަދި އޮންލައިން ޕޯޓަލެއް ކަމަށްވާ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އަތޮޅު ތެރޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ދަރިވަރުންނަކަށް ފަސޭހަ ކަމާއެކު މި ސްކީމުގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމެވެ. އަދި ކިޔަވާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކެމުންދާކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބެމުން ދިޔުމެވެ.
ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުމަށް އަހަރުގެ އެކި ދުވަސްވަރުގައި ކުދިން އެންރޯލް ކުރެއެވެ. އެހެންކަމުން ޑިގްރީ ޕްރޮގްރާމު ތަކުގައި އަލަށް އެންރޯލްވާ ދަރިވަރުން މި ސްކީމްގައި ބައިވެރި ކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކުރިއަށް ދެއެވެ.
މިނިސްޓްރީގެ އަމާޒަކީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ސްކީމްގައި ބައިވެރިފައިވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއި ފަސޭހަ ގޮތެއްގައި ކިޔެވުމުގެ އިންތިޒާމު ފުރިހަމައަށް ހަމަޖައްސައި ދިނުމެވެ.