"އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު "ނެއިބާހުޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން މި ސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ އަދި އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެކެވެ. މި އަހަރު ބޭއްވޭ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން ބާއްވަނީ ޗެންނާއީގައެވެ.

މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމް ކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.