ކާބޯތަކެތީގެ ވިޔަފާރި ކުރާ ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ހިދުމަތް ދިނުން މަނާ ކޮށްފައިވާ ވަގުތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެފޭއެއްގެ ތެރޭގައި އިންނެވި ކަމަށް ބުނާ ފޮޓޯއެއް އާންމުވެއްޖެއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެ ފޮޓޯ ޓްވިޓާގައި އާންމު ކުރައްވާ ވަނީ ގަވާއިދުތަކަށް އަމަލުކުރަން ޖެހެނީ ވަކި ބައެއްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވަނީ އެޗްޕީއޭއާއި ފުލުުހުން އެ ޓްވީޓުގައި ޓެގް ކުރައްވާފައެވެ.
އަދި އެއީ މިރޭ 9:30ގައި ނަގާފައިވާ ފޮޓޯއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އެ ކެފޭ އަކީ ހެންވޭރު ސޯސަން މަގު ސަރަހައްދުގައި ހުންނަ ކެފޭއެކެވެ.
އެކަމާ ގުޅިގެން ފުލުންގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
އެފަދަ ޕޮޓޯއެއް އާންމުވެފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ހުއްޓާލުމަށް އެންގި މުއްދަތުވެސް އެޗްޕީއޭން ވަނީ ހަފްތާއަކަށް އިތުރު ކޮށްފައެވެ. މިހާރު އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 8:00 އެވެ.
އެތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8 އިން ފެށިގެން ހުއްޓާލުމަށް އަންގާފައި ވާއިރު، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އެޗްޕީއޭއިން އަންގާފައެވެ.
މޮސްޓަރގެ ކެފޭގަތޯ