ކޮވިޑް-19 އާ ގުޅިގެން ހަދާ ޕީސީއާރު ޓެސްޓު ހަދަން އަގު ނެގުން ހުއްޓާލަން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގޮވާލައިފިއެވެ.
އެކަމާ ގުޅިގެން ޑީއެންއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެތުރިފައިވާ ސިއްހީ ބަލިމަޑުކަމާއި އިގްތިސޯދީ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަން ޖެހިފައި ވާ ވޭނާއި ކެކުޅުމުގެ ތެރޭގައިވެސް ޒަރޫރީ ހާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ހާލަތުގައި ހަދަން ޖެހިފައިވާ ޕީސީއާރު ޓެސްޓު ހެދުމަށް ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުން ދާ އަގަކީ ވަރަށް ބޮޑު އަގެއް ކަމަށެވެ.
މިއީ ރައްޔިތުންގެ އަސާސީ ހައްގަކުން މަހްރޫމު ކުރުވަން އޮތް ފުރުސަތެއް ކަމުގައި ސަރުކާރުން ހަދާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ސަރުކާރުގެ ހޮސްޕިޓަލުން ޕީސިއާރު ޓެސްޓް ހަދައިދޭ އަގަށް ވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލް ތަކުން ޓެސްޓް ހަދައި ދެމުން ދާކަން ވެސް ފާހަގަ ކޮށްފައެވެ. އަދި އެކަން ހުއްޓާލާ ޕީ.ސީ. އާރު ޓެސްޓް ހެދުމަށް، އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާއެއް ނަގަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދިނުމަށް ޑީއެންއޭއިން ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ޑީއެންއޭއަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވާ، ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެ އުފައްދާ ފައިވާ ހަރަކާތެކެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހިމެނެއެވެ.
އަދި އަމިއްލައަށް ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ އަހުސަން ފަރީދާއި، އެކިއެކި ޕްލެޓްފޯމްތަކުގައި ސިޔާސީ ހަރަކާތްތަކުން ފެންނަ އިހުސާން ނަސީރާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރި މުހައްމަދު ރަފީއުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު ސުޖާވެސް ހިމެނެއެވެ.