ރާއްޖޭގެ ފަތުރިވެރި ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބޭނުން ކުރާނެ ލޯގޯ ލޯންޗް ކޮށްފިއެވެ.

އެ ލޯގޯ ލޯންޗު ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަން އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (އާޓާ) ގުޅިގެން މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ލޯގޯ ލޯންޗް ކޮށްދެއްވީ މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ ވެސް ބައިވެރިވެވަޑައިގަތެވެ.

ލޯގޯ އިފްތިތާހު ކޮށްދެއްވުމަށް ފަހު މުހައްމަދު އުމަރު މަނިކު ވަނީ ދިވެހި ރާއްޖެގައި ފަތުރުވެރިކަން ފެށިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަން ފާހަގަ ކުރައްވައި، އަހަރުން އަހަރަށް ރާއްޖޭގެ ފަތުރުވެރި ކަމަށް އަންނަމުން ދާ ބަދަލާ އެކު ފަތުރުވެރިކަން ކުރިއަރައި އާ ހަރުފަތަކަށް ގެނެވިފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

ލޯގޯ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ދެ ފަރާތެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ މިހާރުގެ ވައިސް ޗެއާމަން ހުސެއިން އަފީފު އާއި މިހާރުގެ މިނިސްޓަރު އޮފް ހެލްތް އަހުމަދު ނަސީމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގެ އެންމެ ފުރަތަ ވަޒީރު އަހުމަދު މުޖުތަބާ ވެސް ބައިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން، އެ ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަބްދުﷲ ނަޝީދާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އަންނަ އަހަރު ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރާއިރު، އެންމެ އިސްކަމެއް ދެއްވާނީ ދިވެހިންނަކީ ޓޫރިޒަމްގެ ވެރިންނަށް ހެދުމަށް ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމަށް ފާހަގަ ކުރަން ބޭނުންކުރާނެ ލޯގޯ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އަންނަ އަހަރު ފާހަގަ ކުރާ ޓޫރިޒަމްގެ ރަންޔޫބީލް، ލޯގޯ ފަރުމާކޮށްފައި ވަނީ އަބްދުﷲ ނަޝާތު އާއި އަހުމަދު އަޒްލީފްއެވެ.

ރާއްޖޭގެ ގުދުރަތީ ރިތިކަމާއި މުއްސަނދިކަން އަދި ސަގާފަތާއި ތަރިކަ ރަމްޒު ކޮށްދޭ ގޮތަށް ފަރުމާ ކޮށްފައިވާ އެ ލޯގޯ 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ބްރޭންޑް އިމޭޖެއްގެ ގޮތުން ބޭނުން ކުރާނެވެ. މިގޮތުން އެ ލޯގޯ ބޭނުންކުރާ އިރު ބޭނުން ކުރާނީ މިހާރު ރާއްޖޭގެ ޑެސްޓިނޭޝަން އިމޭޖުގެ ގެގޮތުގައި ބޭނުން ކުރާ "ސަނީ ސައިޑް އޮފް ލައިފް" ލޯގޯ އާ އެކު އެކީގައެވެ.