ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

11 މެންބަރުންގެ ސޮޔާ އެކު މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައި ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނެވެ.

އެ މެންބަރުންނަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެެވެ.

އިދިކޮޅުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިގްތިސޯދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާއަތުން ނުރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައި ނުދެވޭކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުމުގެ ޒިންމާ މިނިސްޓަރު ޒަހާ އަދާ ނުކުރެވޭތީ އެކަމަށް އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނޭކަމެއްކަމަށްވެސް އެ ކޯލިޝަނުން ހުށަހެޅި މައްސަލައިގައިވެއެވެ.

ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް މިނިސްޓަރަކީވެސް ޒަހާއެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު އެމްޑީޕީގެ ބައެއް މެންބަަރުން ތަކުރާރުކޮށް ސުވާލު އުފައްދާފައިވެއެވެ. އަދި ޒަހާގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ މެންބަރުން މީގެ ކުރިންވެސް ވަނީ ގޮވާލާފައެވެ.