ރާއްޖޭގައި ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (1/96) ފެބްރުއަރީ 28ގައި އުވި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (12/2020) އަށް އަމަލުކުރަން ފަށާފައި ވާތީ، ބައެއް މުދާތައް ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކާޑުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ހަނޑޫ ކިލޯއެއް ވިއްކަން އަންގާފައި ވަނީ 4/80 (ހަތަރު ރުފިޔާ އައްޑިހަ ލާރި) އަށެވެ. އަދި އާދައިގެ ހުދު ހަކުރު ކިލޯއެއް 4/82 (ހަތަރު ރުފިޔާ އައްޑިހަ ދެލާރި) އަށް ވިއްކަން ވަނީ އަންގާފައެވެ. އޭގެ އިތުރުން އާދައިގެ ފުއް ކިލޯއެއް 3/80 (ތިން ރުފިޔާ އައްޑިހަ ލާރި) އަށް ވިއްކަން ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ހަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) މަތީގައި ބަޔާން ކުރި އަގުތަކުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރު ކުރެވޭނެ އަދަދު ކަނޑައަޅާފައެވެ.

އެގޮތުން ހއ، ހދ އަދި ށ އަތޮޅުން ކިލޯއަކަށް އިތުރު ކުރެވީ 1/02 (އެއް ރުފިޔާ ދެލާރި) ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ގްރޭޓާ މާލޭ އޭރިޔާ ފިޔަވާ (ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ) އަތޮޅުން ކިލޯއަކަށް އިތުރު ކުރެވެނީ 0./82 (އައްޑިހަ ދެލާރި) އެވެ. އަދި ލ، ގއ، ގދ، ޏ އަދި ސ އަތޮޅުން އިތުރު ކުރެވޭނީ 1/21 (އެއް ރުފިޔާ އެކާވީސް ލާރި) ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖޭގައި އާންމު ކާޑުގެ ބާވަތްތައް ވިއްކަނީ އަބަދުވެސް އަގު ކޮންޓްރޯލް ކޮށްގެންނެވެ.