އެމްޕީއެލްގައި އަލަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހެނދުނު މަސައްކަތް ފެށުން ލަސްވާ ކަމަށް ބުނެ މަޖޫރީން އެމްޕީއެލް ސަރަހައްދުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ އިހުތިޖާޖު ހުއްޓުވާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީއަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެ އިހުތިޖާޖު ކުރީ އެމްޕީއެލް އިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ލަސްވާތީ ކަމަށެވެ.

ވިޔަފާރި ބަނދަރަށް މަޖޫރީންނަށް ހެނދުނު 9:00 ގައި ވަދެވޭ ގޮތަށް އޮތް ނަމަވެސް އާ ފިޔަވަޅުތަކުގެ ސަބަބުން އެމްޕީއެލުން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ހުންނާތީ މަސައްކަތް ނުކުރެވި ގިނަ އިރުތަކެއް ވަންދެން ތިބެންޖެހޭ ކަމަށް އޭނާ ބުންޏެވެ.

އެމްޕީއެލް ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވާއިރު، އެ ފިޔަވަޅުތައް އަޅާފައި ވަނީ އެމްޕީއެލް ސަރަހައްދުގައި މިއަހަރު ތެރޭ ހިނގި ހާދިސާތަކެއްގައި ދެ މީހަކު މަރުވުމުގެ ސަބަބުންނެވެ. އޭގެ ފަހުން އެމްޕީއެލުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކޮންޓެއިނާ އެއްތަނުން އަނެއް ތަނަށް ގެންދާ ވަގުތު މަޖޫރީން ނުވެއްދުން ހިމެނެއެވެ.

މީގެ އިތުރުން މަޖޫރީންނަކީ ގައިޑްލައިންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރި ވެފައިވާ ބައެއްކަން ކަށަވަރު ކުރުމަށް ހާއްސަ ޓްރެއިނިން އެއްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.