ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މަޖިލީހަށް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށައި ވަޑައި ނުގަންނަވާ ސަބަބަބާމެދު ކަންބޮޑުވެލައްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ވަނީ 32 މެންބަރުން ކަމަށެވެ. އޭގެ އިތުރުން ސަލާމުގައި 6 މެންބަރަކާއި ކަރަންޓީނުގައި 3 މެންބަރަކު ތިއްބެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ބައެއް އިއްޒަތެރި މެންބަރުން ސަލާންވެސް ނުފޮނުއްވާ ކަމަށާއި ކަރަންޓީނުގެ ހާލަތުގައި ނޫނަސް މަޖިލީހުގެ ޖަލްސާތަކަށް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަމުންދާ މެންބަރުން ތިއްބެވިކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މެންބަރު އީސާ މަޖިލީހަށް ވަޑައި ނުގަންނަވާ އަދި ސަލާންވެސް ނުފޮނުއްވާ ސަބަބާމެދު ކަންބޮޑުވެލައްވާ ކަމަށެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މާމިގިގިލީ ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފަހުން މަޖިލީހަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީވެސް ދާދި ފަހުންނެވެ.
އެ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު، އެންމެ ސަލާމް ގިނަ މެންބަރުގެ ގޮތުގައި ގާސިމް ފާހަގަ ކުރައްވާ ވިދާޅުވީ ގާސިމް މިދިޔަ އަހަރު އެކީ ހުންނެވީ ސަލާމުގައި ކަަމަށާއި މި އަހަރު މިހާތަނަށް ވެސް ހުންނެވީ ސަލާމުގައި ކަަމަށެވެ. ނަމަވެސް ގާސިމް ސަލާމުގައި އެހާ ގިނަ ދުވަހު ހުންނެވި ސަބަބެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.
އެއަށްފަހު ފަހު ދެން އެންމެ ގިނަ ދުވަހު ސަލާމްގައި ހުންނަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މި އަހަރު ފެށުނު ފަހުން އެއްވެސް ޖަލްސާއަކުން ޝިޔާމް ހަޒިރު ވެފައެއް ނުވެއެވެ. މި އަހަރު މަޖިލީހަށް މިހާތަނަށްވެސް ވަޑައިގެންފައި ނުވާއިރު، މިދިޔަ އަހަރުގެ މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުުގައި އޮތް މެންބަރަކީވެސް ޝިޔާމެވެ.
އަދިވެސް މުސާރަ ބޮޑު ކުރެވޭނެ ގޮތެއް ވޭތޯބަލާ