ދިވެހިންގެ ތެރޭގައި މަޝްހޫރު ރެސްޓޯރަންޓެއް އަދި ދުނިޔޭގެ މަޝަހޫރު ކޭއެފްސީގެ ނަމުގައި އަންހެނުންގެ ދުވަހާ ދިމާކޮށް ސްކޭމެއް ދައުރުވާން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކޭއެފްސީން ބުނީ، އަންހެނުންގެ ދުވަހާ ދިމާކޮށް ކޭއެފްސީގެ ނަމުގައި އެތަނުން އެއްވެސް ޕްރޮމޯޝަނެއް ނުހިންގާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ވަޓްސްއެޕްގައި ކޭއެފްސީގެ ނަމުގައި ދައުރުވަމުންދާ ޕޯސްޓްތަކަކީ އެފަރާތުގެ ޕޯސްޓްތަކެއް ނޫން ކަމަށެވެ.

މިއަދު ވަޓްސްއެޕްގައި ދައުރުވަމުންދާ ސްކޭމްްގައި ފެންނަނީ ކޭއެފްސީގެ ލޯގޯ ހިމެނޭ ފޮޓޯތަކެކެވެ. އޭގެ ތެރެއިން އެމީހަކީ ނަސީބުވެރި ފަރާތެއް ބެލުމަށް ފޮޓޯގެ ފަހަތުގައިވާ އިނާމު ހޯދުމަށް އެތަނުން ފޮޓޯއެއް އިހުތިޔާރު ކުރުމަށް އެދިފައި ވެއެވެ. އެގޮތުން ދެމީހަކަށް ކޭއެފްސީން ކެއުމެއް ލިބޭނެ ކަމަށް ވެސް ބުނެ އެ ޕޯސްޓް އިތުރުު 15 މީހަކަށް ޝެއާ ކުރުމަށް ވެސް އެދިފައި ވެއެވެ.

އަދި މި ޕްރޮމޯޝަން ގައި ބައިވެރި ވެވޭނީ އެއްފަހަރު ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައި ވެސް ވެއެވެ.

މިއަދަކީ ބައިނަލް އަގްވާމީ އަންހެނުން ދުވަސް ފާހަގަ ކުރާ ދުވަހެވެ. މިއަދުގެ މުނާސަބަތާ ގުޅިގެން ކޭއެފްސީން ޕްރޮމޯޝަނެއް ހިންގާ ކަމަށް ހީކޮށް އެތައް ބަޔަކު އެ ޕޯސްޓް ޝެއާކުރަމުން އެބަ ގެންދެއެވެ. ސަރުކާރުގެ އޮފީސްތަކުގެ ސީނިއާ މަގާމުތަކުގައި ތިބި މީހުންނާއި އަމިއްލަ ބައެއް އޮފީސްތަކުގެ ވެރިންގެ ފެންވަރުގެ ބައެއް ބޭފުޅުންވެސް އެ ޕޯސްޓް ޝެއާ ކުރަމުން އެބަ ގެންދެއެވެ.

ސަމާލުވޭ! އެއީ ސްކޭމެކެވެ.