ކޮވިޑު-19 އިން ދިފާއުވުމަށް މާލެ ސަރަހައްދުގައި ޖަހަމުންދާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދޭނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ މިއަދު ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ، ހަލުވި ކަމާއެކު ބަލި ފެތުރެމުންދާ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށިތާ ދުވަސްތަކެއް ވެފައި ވާއިރު، ދެ ވަނަ ޑޯޒް ފައްޓަން ޖެހޭ ކަމަށާއި ބަލީގެ ރައްކާތެރިކަން ލިބުމުގެ ބައި ފުރިހަމަ ވެގެން ދާނީ އޭރުން ކަމަށެވެ. އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ނިމުމަކަށް ގެނައުމަށް ވިސްނަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

"އެހެންވީމަ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަޅުގަނޑުމެން ހިޔާލު ކޮށްގެން މި ތިބީ މާލޭގައި ފުރަތަމަ ޑޯޒް ޖެހުން 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެ ވަނަ ޑޯޒް ޖެހުން،"
އަހްމަދު ނަސީމް

ދުވާލެއްގެ މައްޗަށް ވެކްސިންގެ 10،000 ޑޯޒް ޖެހުމުގެ ގާބިލްކަން މިހާރު އެބަހުރި ކަމަށް ނަސީމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި މުއްދަތުގައި މާލޭގައި 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް ދިމާވި ފަދަ ހިތާމަވެރި ކަންތައްތައް އެހެން ރަށްރަށުގައި ދިމާވަން ބޭނުން ނުވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ކޮވިޑުގައި 64 މީހަކު މަރުވެފައިވާ އިރު އެ ބަލި ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައި ވަނީ ވެސް މާލެ ސަރަހައްދުންނެވެ.

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަްފތާއާ ދެމެދުގައި ކަމަށް އެޗްޕީޢޭއިން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އެޕްރީލް މަހުއެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 151،600 އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ސަރުކާރުގެ އަމާޒަކީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަ ކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.