ސިފައިންގެ ވަޒީފާގައި އުޅުމަށް ފަހު ރިޓަޔާ ކުރެވޭ ގަވައިދަށް ބައެއް އިތުރު ކޮށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި އެ ބިލު 48 މެންބަރުންގެ ވޯޓާއެކު ފާސްވި އިރު، އެ ބިލުގައި ވަނީ ދެކަމެއް އިތުރު ކުރާށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރޭންކަށް ކަނޑައެޅޭ އުމުރު ހަމަވުމާއި ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމާއި ސިއްހީ ހާލަތު ތަން ނުދިނުމާއި އަމިއްލައަށް ބޭނުންވުމެވެ.
މިއަދު ފާސްކޮށްފައި ވަނީ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ. މިހާރު އަކުރު (ށ) ގައި ބުނެފައި ވަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ ހަތަރު ގޮތެއް ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ.
ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އޭނާ އިސްލާހު ހުށަހެޅުއްވި ގޮތަށް ބިލު ފާސް ކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށް މިއަދު މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހަޅާފައެވެ.
އެ އިސްލާހުގެ ބޭނުމަކީ ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް ބޮންޑޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.