އަންހެނުންގެ ބާރުވެރިކަމާއި ބައިވެރިވުން ކުޑަކުރުމަށް ވަކާލާތު ކުރާ ފަލްސަފާއެއްގެ އަޑުގަދަ ވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ފަލްސަފާވެ އެންމެ ބޮޑު ބިރުވެރިކަމަކީ އަދި ހިތާމައަކީ، އެއީ ދީނުގެ ނަމުގައި ދައްކާ ވާހަކައެއްގެ ގޮތުގައި ސިފަ ކުރަމުން ދާތީ ކަމަށެވެ. އަދި އެ އަޑު ފަތުރާ ބޭފުޅުންނަކީ އިލްމުވެރިންގެ ގޮތުގައި ދެކެގެން ވަކާލާތު ކުރަމުން ގެންދާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމުގައި ވެސް ކުރިއަށް ނިކުންނަވާ، އަންހެނުންގެ ހައްގުތަކާގެން ވީ އެންމެ ބޮޑު މިންވަރަކަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންންވިއެވެ.

އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ރާއްޖޭގެ ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރު ކުރަން މަސައްކަތް ކުރުމަށް މިއަދު މުޅި މަޖިލީހުގެ ނަމުގައި ވައުދު ވެލައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިކަމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، ޕާޓީތަކުން އަންހެނުންނަށް ޓިކެޓު ލިބޭ ގޮތް ފަސޭހައިން ހަމަޖެހިފައި ވާނަމަ، އަންހެނުން ތަމްސީލު ވާލެއް އިތުރު ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލީހުގެ އެންމެ ގިނަ ގޮނޑި ތަމްސީލު ކުރާ އެމްޑީޕީގެ ފަރާތުން މަޖިލީހުގައި 4 އަންހެން މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓް ގެއްލުނު އަންހެނުން އެބަ ތިބި ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެ އަންހެނުންނަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ކުޑަކޮށް ވެސް ފަހަތަށް ޖެހެންވީ ބައެއް ނޫން ކަމަށެވެ. އަދި އެ މީހުން ސިޔާސީ ގާބިލު ކަމާއި ހުނަރުވެރިކަމާ މެދު ސުވާލު އުފެދެންވީ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ ތިން ބައި ކުޅައެއްބައި ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ގާނޫނު އެމަގަށް އެނބުރިގެން ދިޔައީ ހުރިހާ ސިޔާސީ ޕާޓީއެއްގެ އެއްބަސްވުމާއެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.