ސްރީލަންކާގައި ވިސާ ނެތި އުޅެމުން ދިޔަ 4 ދިވެއްސަކު ހައްޔަރު ކޮށްފައިވާ އިރު އެ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، މި މައްސަލައިގައި ހައްޔަރު ކުރި ދިވެހިންނަށް އެހީތެރިވަމުންދާ ކަމަށެވެ. އަދި އެކި ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެ ގައުމުތަކުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރު ގައުމެއްގައި ދިވެހިން ހޭދަ ކުރާ ދުވަސްތަކުގައި ބޭނުން ކުރާ ވިސާ އަކީ ރަނގަޅު ވިސާއެއްތޯވެސް ބަލާ ޔަގީން ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ލަންކާގައި ވިސާ ނެތި އުޅެމުންދިޔަ 4 ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްކޮށް ލަންކާ ނޫހެއް ކަމަށްވާ "ދަ މޯނިން" އިން ވަނީ މިއަދު ރިޕޯޓު ކޮށްފައެވެ. އެ ނޫހުން ބުނެފައި ވަނީ 4 ދިވެހިން ހައްޔަރު ކޮށްފައި ވަނީ އެ ގައުމުގައި ވިސާ ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދުމަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.

ލަންކާގެ ޕޮލިސް ސްޕޯކްސް ޕާސަން ޑީއައިޖީ އަޖިތު ރޯހަނާއާ ހަވާލާދީ ދަ މޯނިން ނޫހުން ބުނެފައި ވަނީ، ވިސާ ނުލައި އުޅޭ ބިދޭސީން ހައްޔަރު ކުރީ އެ ގައުމުގެ ދެހިވަލަ އާއި މައުންޓް ލެވީނިއާ، މޮރަތުއާ އަދި ސްލޭވް އައިލެންޑް އެންޑް ގްރޭންޑްޕާސް އިން ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން 4 ދިވެހިންނާއެކު ދެން ހައްޔަރު ކުރީ ނައިޖީރިއާ އާއި އިންޑިއާ މީހުން ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ. ވިސާ ނެތި ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދަން ކުރިއަށް އޮތް ތަނުގައި ވެސް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ ދަ މޯނިން ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ. ޗުއްޓީ ހޭދަ ކުރުމުގެ އިތުރުން ބޭސް ފަރުވާ ކުރުމަށާއި ތައުލީމް ހާސިލް ކުރުމަށާއި ވިޔަފާރި ދަތުރު ތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ގޮސް އުޅެއެވެ.

މިދިޔަ އަހަރު ކޮވިޑް ބަލިމަޑުކަން ފެތުރެން ފަށުމާއެކު ބައެއް ގައުމުތަކުން ލުއިތަކެއް ދީފައި އޮތުމަށް ފަހު އަނެއްކާ ވެސް އާންމު ހާލަތަށް ރުޖޫއަ ވުމަށް ފަހުވެސް ވަނީ ވިސާ އާކުރުމަށް ގޮވާލައި އެ ގައުމުތަކުގައި އަމަލުކުރާ ގަވާއިދުތަކަށް ބަދަލުތައް ގެނެސް އިއުލާން ކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިން މިކަންކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަބަދު ވެސް އަންނަނީ ގޮވާލަމުންނެވެ.