ރާއްޖެއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުނުތާ މިއަދަށް އެއް އަހަރު ވެއްޖެއެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް ކޭހެއް ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ފަތުރުވެރިއަކު އިޓަލީއަށް ދިއުމަށްފަހު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓްގައި ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އިޓަލީ ފަތުރުވެރިޔާ ޕޮޒިޓިވް ވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކުރެއްދޫގެ 2 ބިދޭސީ ސްޓާފުން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ފެށުމެވެ.
ކުރެއްދޫ ރިސޯޓަށްފަހު ސޭންޑީސް ބަތަލާ ރިސޯޓުން ވެސް ދެ ކޭސް ފެނުނެވެ. އަދި ކުރަމަތި ރިސޯޓާއި، އަނަންތަރާ ދިގު ރިސޯޓުން އަދި އައިލްނެޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީ ވެސް ހިމެނޭނެހެން ރިސޯޓްތަކުން ޖުމްލަ 15 ކޭސް ފެނުނެވެ. އެއަށްފަހު ކޮވިޑް ކޭސްތައް ފެންނަން ފެށީ ރާއްޖޭން ބޭރުން ދަތުރުކުރި ދިވެހިންގެ ތެރެއިންނެވެ. ޔޫކޭއިން އައި 4 މީހަކާއި ފިލިޕީންސުން އައި މީހަކާއެކު ޖުމްލަ 5 މީހުން ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވިއެވެ.
ރިސޯޓްތަކުން ފަތުރުވެރިންނާއި، ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ޖުމްލަ 20 ޕޮޒިޓިވް ކޭހެއް ފެނުމަށްފަހު، ރާއްޖޭގައި ކޮވިޑްގެ ހަގީގީ ބިރުވެރިކަން ފެތުރިގަތީ މާލެއިން ކޮވިޑް ކޭސްއެއް ފެނުމާއެކުއެވެ. ކަރަންޓީނުގައި ހުރި މީހަކާ ދިމާ ނުވާ މީހަކު ޕޮޒިޓިވް ވީ އޭޕްރީލް 15 ވަނަ ދުވަހެވެ. އެ ދުވަހުއްސުރެ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކޮށް، މާލެ ބަންދުކޮށް ތަޅު އަޅުވައިގެން ވެސް މި ބަލި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ފެށިއެވެ.
މިއަދާ ހަމައަށް އައި އިރު، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކަމާ ބެހޭ އިދާރާތަކަށާއި، ހަބަރު ފަތުރާ ވަސީލަތްތަކަށް އަދި އާންމު ރައްޔިތުންނަށް ވެސް ބުރަ މަސައްކަތެއް ކުރެވިއްޖެއެވެ. ޖުމްލަ 20.663 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް 64 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ. އެއީ ރާއްޖޭގެ 5 ލައްކައިގެ އާބާދީއަށް ބަލާލާއިރު ބޮޑު އަދަދެކެވެ.
އެތައް ބައެއްގެ ބުރަ މަސައްކަތުން މިއަދު މިވަނީ ކޮވިޑަށް ވެކްސިނެއް ލިބި، ވެކްސިން ޖަހަން ފަށާފައެވެ. އެގޮތުން ރާއްޖެއަށް ވެސް ވެކްސިން ލިބި، ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 26 ޕަސަންޓް މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެ އެއް އަހަރު ކުރިން ރާއްޖެއަށް އަށް އައި ކޮވިޑަށް އުމުރަށް އަލްވަދާއު ކިޔޭނެ ގޮތަކީ ވެކްސިނުން ދިފާއު ހޯދުމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. މިއީ ކޮވިޑަށް ނިމުން ގެންނަން ވީ ވަގުތެވެ. ވެކްސިނުން ދިފާއު ހޯދާށެވެ.