އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާ ކުރުމާއި ލައިސަންސް ކާޑު ދޫކުރުން ލަސްވާ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ އަށް ބަޔަކު އެއްވެއްޖެއެވެ.

މިއަދު ޓްރާސްޕޯޓް ތެރޭގައި 30 ވަރަކަށް މީހުން އެއްވެ ކުރި އެ އިހުތިޖާޖުގައި ބޯޑުތަކެއް ހިފައިގެންގޮސް ގޮވާލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކަށް އަމަލުކޮށްގެން ނަމަވެސް ލައިސަންސް ނެގުމުގެ ފުރުސަތު ދިނުމަށެވެ.

ސަބަބަކީ ލައިސަންސް ނެތި ދުއްވާ އިރު ބޮޑު އަދަދުން ޖޫރިމަނާ ކުރުމާއި އެތަނުގެ ހިދުމަތްތައް ލަސްވުމެވެ.

ލައިސަންސް ނުނަގައި ދުއްވާ ނަމަ 1،000ރ، އަދި ލައިސަންސް ކާޑު އަތުގައި ނެތް ނަމަ 750ރ. އިން ޖޫރިމަނާ ކުރެއެވެ.

ލައިސަންސް ދިނުން ހުއްޓާލުމާ ގުޅިގެން ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާއިރު، ލައިސަންސް ނެގުން ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑުގެ ހާލަތު ވަރަށް ގޯސްވަމުން ދާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.