ރައްޔިތުންގެ ކުރިއެރުމަށް ހުރަސް ނާޅުއްވާނެ ކަމަށާއި ރައްޔިތުންގެ ދަތިތައް ހައްލު ކޮށްދިނުމަށް، ޓަކި ނުޖައްސަވާ ދޮރެއް ނުބަހައްޓަވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އަންނަ ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން "މީ މަގޭ ރާއްޖެ" ރީލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެންމެ ގިނަ ރައްޔިތުން ތޮއްޖެހިފައި އޮތީ މާލޭގައި ކަމަށާއި އެހެންކަމުން މާލެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދާ ދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ރައްޔިތުންގެ މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި ގިނަ ކަންކަން ހައްލު ކުރަން އެބަހުރިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ފުދުންތެރި ދިރިއުޅުމެއް ހޯދައިދޭން ޖެހޭ ކަމަށެވެ. މާލޭގައި މި މަސައްކަތް ހައްލުކޮށް ދެވެން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަޒުމް ނުގުޑާނެ ކަމަށާއި މި އުޅެނީ މަޖާކޮށް ސަމާސާ ކުރަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ ހާލަތު ގޯސްވެ ނިކަމެތިވަމުން ދާ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. ވިޔަފާރިތައް ފުނޑިގެންދާ ކަމަށާއި ރައްޔިތުން ނިކަމެތިވެ މި ކަން މުޅި ރާއްޖެއަށް ފެތުރެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި 6 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވާ ކަމަށާއި އެ މަސައްކަތުން ގިނަ ތަޖުރިބާ ތަކެއް ލިބިވަޑައިގެންފައި ވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބިން ހިއްކުމާއި މަގު ހެދުމާއި ބަނދަރު ހެދުމުގައި ގިނަ ރަށްރަށަށް ތަރައްގީ ގެނެސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާއަކީ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރެއްވުން ނުހުއްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.