ހދ. ކުމުންދޫ ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ކުމުންދޫ ވަލުތެރޭ އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 11:30 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑިއެފް ނޮދާން އޭރިއާ ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޗަނުން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އަލިފާން ގަނޑު ވަނީ ދެ ގަޑިއިރު ފަހުން ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ބަނދަރުގައި އޮތް ވަލެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ. އަދި އަލިފާނުގެ އަސަރު ވަލާހަމައަށް ފޯރައި އަލިފާން ގަނޑު ފެތުރިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަހައްދަކީ ރަށުގައި މީހުން ދިރިއުޅޭ ސަރަަހައްދެއް ނޫން ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި މިއަދު އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދުރު ފަހު 1:30 ހާއިރު ކަމަށާއި މި ކަމުގައި ސިފައިންނާއި އާންމުން ހަރަކާތްތެރިވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެ ސަރަހައްދުން އަލިފާން ހިފާފައިވާ ކަމަށާއި ހުޅު ބޮޑު ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް އެ ސަރަހައްދުގައި ސިފައިންނާއި އަންމުން ހަރަކާތްތެރި ވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.