ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓް ތަކާ ގުޅިގެން އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް ސަސްޕެންޑް ކޮށްފިއެވެ.

ޑރ. އިޔާޒް ސަސްޕެންޑް ކޮށްފައިި ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަން އޭނާ ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަކާ ގުޅިގެން އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކެއްގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ސަސްޕެންޑް ކުރީ އިއްޔެ ހަވީރު 3:00 ހާއިރު ކަމަށެވެ.

އަދި އިއްޔެ ހަވީރު 4:00 އަށް ޝެޑިއުލް ކުރި ކްލާސް ނެގުމުގެ ފުރުސަތު ވެސް އޭނާއަށް ދީފައި ނުވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އެހެން ކަމުން ޑރ. އިޔާޒް ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ތަންތަނުން ކުދިން ބައިވެރިވާ ކްލާހެއް ނެގުމުގެ ފުރުސަތު އޭނާއަށް ނުދެއްވުމަކީ، އެއީ އޭނާގެ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވީ އޭނާއަކީ އެމްއެންޔޫއިން ކުރާ ތަހުގީގަކަށް ނުފޫޒު ފޯރުވޭ ވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ޔުނިވާސިޓީން ކޮންމެ ތަހުގީގެއް ކުރިއަސް، އޭނާގެ ކްލާސްތަކަށް ބުރޫ ނާރާނެ ފަދައިން ތަހުގީގު ކުރާ ނަމަ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކްލާސްތައް ކެންސަލް ކުރަން ޖެހުމަކީ އޭނާގެ ދަރިވަރުންގެ ވެސް އެތައް ވަގުތެއް ބޭކާރު ވާނެ ކަމެއް ކަން ޑރ. އިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ. އިޔާޒަކީ އަބަދުވެސް ސޯޝަލް މީޑިއާގައި އެކި އެކި ކަންކަމާ ގުޅިގެން ހިޔާލު ފާޅު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ކުރައްވާ ބައެއް ޕޯސްޓްތަކަކީ ހަރުކަށި ފިކުރަށް ބާރު ދޭ ޕޯސްޓުތަކެއް ކަމަށް ބުނެ ވެސް ބައެއް އާންމުންގެ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް، ޑރ. އިޔާޒް ވަޒީފާއިން ވަކި ކުރުމަށް އެމްއެންޔޫއަށް ގޮވާލާފައެވެ.