އިދިކޮޅު ޕީޕީއެމުން ތައްޔާރު ވަމުންދާ އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދީ މީހުން ހައްޔަރު ކުރަން ފަށައިފިއެވެ.

ޕީޕީއެމުން އިންތިޒާމް ކޮށްފައިވާ އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ފުލުހުން ވަނީ ޕީޕީއެމް އޮފީހާއި، އެ އޮފީހަށް ދާން އޮތް ހުރިހާ މަގެއް ބަންދު ކޮށްފައެވެ. ނަމަވެސް ސަޕޯޓަރުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވާން ފަށާފައެވެ. ފުލުހުން ވެސް ދަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރި ވަމުންނެވެ.

އެގޮތުން، ގާކޮށި ފްލެޓް ކައިރިއަށް އެއްވި ބަޔަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައި ވާއިރު، ގިނަ އަދަދެއްގެ ފުުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މާލޭގެ އެކި ތަންތަނަށް އެއްވަމުން ދާ ޕީޕީއެމްގެ ސަޕޯޓަރުން ހައްޔަރު ކުރަމުން ދާއިރު، ޕީޕީއެމް ލީޑާޝިޕްގެ އިސްވެރިން ދަނީ، މާލޭގެ އެކި ސަރަހައްދުތަކަށް ސަޕޯޓަރުން އެއްވެ، މުޒާހަރާ ކުރުމަށް ގޮވާލަމުންނެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެކެވެ. އެގޮތުން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައި ވާއިރު، މާލޭ މަގުމައްޗަށް އެއްފަހަރާ ނިކުމެ އުޅެވޭނީ 5 މީހުންނަށް ކަމަށް ވަނީ ނިންމާފައެވެ. ކަން މިހެން އޮތް ނަމަވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.

އެހެން ކަމުން ފުލުހުން ވަނީ މިފަދަ އެއްވުންތަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ ކުރިއާލާ އިންޒާރު ދީފައެވެ.