އިދިކޮޅު ކޯލިޝަނުގެ މައި ޕާޓީ ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި، އެ އޮފީހަށް ދާން އޮންނަ ހުރިހާ މަގެއް ބަންދު ކޮށްފިއެވެ.

ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގެ މަގުތަކުން އާންމުންނަށް ދަތުރު ނުކުރެވޭނެހެން ބަންދުކޮށްފައި ވަނީ، މިއަދު އެ ޕާޓީން އިންތިޒާމު ކޮށްގެން ހަވީރު ބާއްވަން އުޅޭ މުޒާހަރާއާ ގުޅިގެންނެވެ. މިއަދު މެންދުރުއްސުރެ ފުލުހުން ދަނީ ބެރިކޭޑް ޖަހާ މަގުތައް ބަންދު ކޮށް، އެ ސަރަހައްދަށް ނުވަނދެވޭނެހެން މީހުން ހުއްޓުވަމުންނެވެ.

ޕީޕީއެމް އޮފީސް ސަރަހައްދާއި، އެ އޮފީހަށް ދާން އޮންނަ މަގުތައް ބަންދުކޮށްފި

މީގެ ކުރިން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅުގެ "ރަތް އިންގިލާބު" ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އަދި މި ހުކުރު ދުވަހު އިހުތިޖާޖު ކުރުން އޮންނާނެ ކަމަށާއި މިދިޔަ ހުކުރު ދުވަހަށް ވުރެ މިއަދު ބާއްވާ އިހުތިޖާޖު ވަރުގަދަަ ވާނެ ކަމަށެވެ.

މި ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި ކުއްލި ހާލަތުގައި ވެސް ނުހިފެއްޓޭނެ ހައްގުތަކެއް ވާކަން ސަރުކާރުން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. މި މުޒާހަރާ ކުރުމުގެ ބޭނުމަކީ ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައި ވާތީ ކަމަށް އިދިކޮޅުން ބުނެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވާއިރު، މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެކެވެ. އެގޮތުން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައި ވާއިރު، މާލޭ މަގުމައްޗަށް އެއްފަހަރާ ނިކުމެ އުޅެވޭނީ 5 މީހުންނަށް ކަމަށް ވަނީ ނިންމާފައެވެ. ކަން މިހެން އޮތް ނަމަވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.

އެހެން ކަމުން ފުލުހުން ވަނީ މިފަދަ އެއްވުންތަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ ކުރިއާލާ އިންޒާރު ދީފައެވެ.