މާލެ ސިޓީގެ މަގުމަތީގައި އެންމެ ގިނަވެގެން ދެން އެކުގައި އުޅެވޭނީ ފަސް މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ ނެރުއްވި އެންގެވުމެއްގައި ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އޭނާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން މާލެ، ހުޅުމާޅެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭ ގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ. މި ފިޔަަވަޅު އަޅާފައި ވަނީ އެއް ހަފްތާގެ މުއްދަތަށެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގެއިން ބޭރަށް ނުކުމެ އާންމު ތަންތަނުގައި 5 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ނޫޅުމަށް އެޗްޕީއޭއިން އަންގާފައި ވާއިރު، މީގެ ކުރިން އެޗްޕީއޭއިން އަންގާފައި އޮތީ 10 މީހުނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ ނޫޅެވޭ ގޮތަށެވެ.

މިގޮތަށް އަންގާފައި އޮތް ނަމަވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާއްސަ ހާލަތް ތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށް އެޗްޕީއޭ މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު އެޗްޕީއޭއިން އަންގާފައިވާ އެންގުން ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު މާލެ ސަރަހައްދުގައި ވަނީ ކޮވިޑް އިން ރައްކާތެރި ވުމުގެ ގޮތުން އިތުރު ފިޔަވަޅެއް ވެސް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު މިއަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ހަވީރު 6 އިން ފެށިގެން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި ވާއިރު، މާލެ ސަރަހައްދުގައި ކާފިއު ވަގުތެއްގެ ގޮތުގައި އެޗްޕީއޭއިން އަންގާފައި ވަނީ ރޭގަނޑު 11 އިން ފަތިހު 4:30 އަށެވެ.