މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ 1، 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރި ކުރުމުގައި ބައިނަލްއަގްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާ ކަމަށެވެ.

އަދި މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުން ދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަ ކުރާކަމަށް ބުނެފައި ވެއެވެ.

އަދި ގާނޫނާ ހިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާ ކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކުގެ އަސާސްތަކަށް ހުރުމަތްތެރި ކޮށް ހިތުމަށާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރި ކޮށް ހިތުމަށާއި، ބަޣާވާތަށް ފަހު އިއުލާން ކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.

އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، އަދި ވެރިކަމުގެ ބާރުތައް، އިންތިހާބު ކޮށްފައި ވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާ އަށް ގޮވާލާފައެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައި ކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައި ވެއެވެ.