ސައްހަނޫން ލިޔެކިޔުން ހުށަހަޅައިގެން 15 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިދިޔަ މަހު އިއުލާނު ކުރުމަށްފަހު، އިތުރަށް ބަލައި 15 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން އުޅަނދުތަކުގެ ރެޖިސްޓްރީ ނަންބަރު އާންމުކޮށް، ހަތް ދުވަސްތެރޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި އެ މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ. އެއީ ޖުމްލަ 17 އުޅަނދެކެވެ.

އަދި އެ މުއްދަތަކަށް ފަހު ދެ އުޅަނދެއް ފިޔަވާ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ވެހިކަލް ރެޖިސްޓްރީ ކުރުމުގައި ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން އެކަން ކުރަމުންދާކަމަށް ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ވަނީ ބުނެފައެވެ.