ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރަނީ ކުންފުނީގެ އަގު ވައްޓާލަން ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކާގައި ކޮރަޕްޝަނެއް ހިނގަމުންދާ ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނިން ބުނީ ކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަދި މިއީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަހުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި އަމަލުތަކުގެތެރެއިން ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 18ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމަށްފަހު، އެ ކުންފުނިން ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހަތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި ކަންވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށްއަރުވަމެވެ.

އަދި އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ގާއިމްކޮށް އަމަލުކުރަމުންދާ ކަމަށާ ކޮަރަޕްޝަނަށް މަގުފަހިވާ ފަދަ ގަވައިދެއް ނުވަތަ އުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާ ކަމަށް ފެނަކައިން ބުނެއެވެ.

ނަމަވެސް ފާއިތުވެދިޔަ މާޒީގައި އެފަދަ ގަވައިދުތައް ހަދާ އެކުލަވާލެވިފައިވާ ކަމަށައި އެފަދަ ގަވާއިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ހިދުމަތް މިހާރު ފޯރުކޮށްދެމުންދާ ކަމަށް އެ ކުންގުނިން ބުނެއެވެ.

ހަމަ މިއާއެކު، މިކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ އަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަން އެމްޑީ އަހުމަދު ސައީދު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެގޮތުން ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ އެފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްސީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކޮށްގެން، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މައުލޫމާތު އާންމު ކުރުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށްވެސް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ.

ފެނަކައަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ތަކަށް އެ ކުންފުނިން ދެކޮޅު ހަދާފައި ވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފައެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ. އެކަމަކު އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.