ފޮރިން މިނިސްޓްރީ އާއި ޖަޕާންގެ މިނިސްްޓްރީ އޮފް ފޮރިން އެފެއާޒް ގުޅިގެން ބާއްވާ "ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް" ގެ 3 ވަނަ މަޝްވަރާ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުން ބާއްވާފައި ވަނީ ވާޗުއަލްކޮށް ކަމަށެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެގައުމުގެ މެދުގައި އޮތް ތަރައްގީއާއި ވިޔަފާރީގެ ގުޅުމާއި، ސަރަހައްދީ އަދި މެރިޓައިމް ގުޅުންތަކާއި ބެހޭގޮތުން ކަމަށެވެ.
އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލްއެވެ. އަދި ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޖަޕާނުގެ ހާރިޖީ ވުޒާރާގެ ސައުތު އީސްޓް އެންޑް ސައުތު ވެސްޓް އޭޝިއަން އެފެއާޒް ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް ކޮބަޔަޝީ ކެނިޗީއެވެ.
އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ހަލީލް ވަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އަދި ހާއްސަ ގުޅުން ފާހަގަކޮށް، އެގުޅުން ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
އަދި ސްޓޭޓް މިނިސްޓަރުވަނީ ކޮވިޑްގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް ޖަޕާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ބައިނަލްއަގުވާމީ އަދި ސަރަހައްދީ މައްސަލަތަކުގައި ދިވެހިރާއްޖެއިން ޖަޕާނަށް ދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވާ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކޮބަޔަޝީވެސް ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ޖަޕާނުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށް، ކޮބަޔަޝީ ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯޯގައި މިއަހަރު ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކްސްއަށް ދާ ދިވެހި ޓީމަށް މަރުހަބާ ކިޔަންް ޖަޕާނުން އިންތިޒާރުކުރާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދެގައުމުގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 55 އަހަރުވަނީ 2022 ގައި ކަމުން، އެއީ ދެގައުމަށްވެސް މުހިންމު އަހަރެއްކަމުގައި ކޮބަޔަޝީވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ އިސް އޮފިޝަލުންވެސް އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ކޮބަޔަޝީގެ ވާހަކަގައި ވިދާޅުވިއެވެ.
ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުންތައް އާންމުކޮށް ބާއްވައެވެ. ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް ގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ އޮގަސްޓް 2019 ގައި ދިވެހިރާއްޖޭގައެވެ.